އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް މޮރީނިއޯގެ ބޮޑު ބޯޅަ ކުޅުމަށް ފާޑު ކިޔައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޭމްސް މިލްނާ ކާމިޔާބުކުރި ގޯލާއެކު މެޗުގެ ބޮޑުބައި ލީޑުގައި ކުޅުނީ ލިވަޕޫލްއެވެ. ފުރަތަމަ ހާފުގައި ދެޓީމަށްވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު މަދުން ނަމަވެސް ޔުނައިޓެޑުން ވަނީ ހަމަލާތައް ތަނަވަސްކޮށްފައެވެ.
ދެވަނަ ހާފު ފެށިއިރު މައިކަލް ކެރިކްގެ ބަދަލުގައި ޔުނައިޓެޑް ކޯޗު މޮރީނިއޯ ވަނީ ކެޕްޓަން ރޫނީ ކުޅެން ނެރެފައެވެ. ދެވަނަ ހާފުގައި ފުރަތަމަ ހާފާ ހިލާފަށް ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ.
ނަމަވެސް މެޗުގެ 75 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރުވެސް ޔުނައިޓެޑަށް ނަތީޖާއަށް ބަދަލެއް ގެނެވިފައިނުވުމުން މޮރީނިއޯ ވަނީ ފަހަތަށް ކުޅުނު ޑާމިއަންގެ ބަދަލުގައި ފެލައިނީ ކުޅެން ނެރެފައެވެ.
ފެލައިނީ ނިކުތުމަށްފަހު ޔުނައިޓެޑުން ވަނީ ދެ އަރިމަތި ބޭނުންކޮށް ބޮޑު ބޯޅަ ކުޅެ ގޯލެއް ޖެހުމަށް ފޫގަޅާފައެވެ. ނަތީޖާއެއްގެ ގޮތުން 84 ވަނަ މިނެޓުގައި ވޭން ރޫނީ، ފެލެއިނީ އަދި ވެލެންސިއާގެ ބުރަ މަސައްކަތުން އިބްރަހިމޮވިޗް ވަނީ ވަރަށް ގިނަ ކުޅުންތެރިންނަށް ކާމިޔާބުނުކުރެވޭނެ ފަދަ އުނދަގޫ ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ގޯލަށް ފަހުވެސް ޔުނައިޓެޑު ކުޅުންތެރިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް ބުރަ މަސައްކަތެއް ކުރިއެވެ. ނަމަވެސް މިސީޒަނުގައި މިދެޓީމު ބައްދަލު ކުރި ދެ މެޗުންވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މޮޅެއް ލިބޭ ގޮތެއް ނުވިއެވެ. ދެޓީމު ސީޒަނުގެ ފުރަތަމަ ހާފުގައި އެންފީލްޑުގައި ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ.
މެޗަށް ފަހު ލިވަޕޫލް ކޯޗު ބުނެފައިވަނީ ފެލައިނީ ކުޅެން ނެރެ، ބޮޑު ބޯޅަ ކުޅުމުން ލިވަޕޫލްއަށް އުނދަގޫ ވެފައިވާކަމަށެވެ. ނަމަވެސް ކުޅުންތެރިން ދެއްކި ހިތްވަރަށް ކްލޮޕް ވަނީ ސާބަސް ކިޔާފައެވެ.