ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި މަޖްލިސް މެމްބަރުންނާއި، ޕީޕީއެމްގެ އިސްވެރިން ހިމެނޭ ޓީމެއް މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޓީމްގެ މައިގަޑު ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމާއި، ކެމްޕެއިން ހަރަކާތް ހިންގުން ހަރުދަނާ ކުރުމެވެ. އެގޮތުން އެކި ރަށްތަކުގެ ޕީޕީއެމް އެކްޓިވިސްޓުންނާއި މި ޓީމުން މިއަދު ވަނީ ބައްދަލުކޮށްފައެވެ.

އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) އާއި އެކު މި ޓީމް ވަނީ މިއަދު ހަވީރު ހުޅުމީދޫއަށް ވަޑައިގެންފައެވެ. މިނިސްޓަރ ޒަމީރުގެ ޓީމަށް ހުޅުދޫން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިރޭ "އައްޑޫލައިވް"އަށް ބުނީ މިނިސްޓަރގެ މި ދަތުރުގެ އެއް ބޭނުމަކީ އައްޑޫގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމެވެ. އެގޮތުން ގެސްޓް ހައުސް ހެދޭނެ ތަންތަން މިނިސްޓަރ ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ޒަމީރު ވަނީ 2015 ވަނަ އަހަރު ޖެނުއަރީ މަހު ވެސް އައްޑޫއަށް ވަޑައިގެން ފަތުރުވެރިކަން ކުރިއަރުވަން ތަންތަން ބައްލަވާފައެވެ. އަދި އިސްމެހެލާ ހެރަ ސަރަހައްދަށާއި، މީދޫ "ދެބަޑި ދޭތެރެ"އަށް ވަޑައިގެން އެތަންތަން ބައްލަވާ ލެއްވިއެވެ. އަދި އިސްމެހެލާ ހެރަ ހެދުމަށް ބަޔަކާއި 2015 ޖެނުއަރީ މަސް ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.