އައްޑޫއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރިއަށްދާ މަޝްރޫއުގެ ތެރެއިން ފެނުގެ ހިދްމަތަށް އެދުނު މީހުންގެ ތެރެއިން 93 އިން ސައްތަ މީހުންނަށް ފެން ގުޅާ ދެވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ފެނުގެ ހިދްމަތަށް ހޯދުމަށް އެދުނު މީހުންގެ ތެރެއިން ބާކީ ހަތެއް އިން ސައްތަ މީހުންނަށް ފެން ފޯރުކޮށް ނުދެވިގެން އުޅެނީ ކުދިކުދި ކަންތަކާއި ހުރެގެން ކަމަށެވެ.
"ހިދްމަތް ހޯދުމަށް އެދުނު މީހުންގެ ތެރެއިން 93 އިން ސައްތަ އަށް މިވަނީ ސާފު ބޯފެން ފޯރުކޮށްދެވިފައި ބާކީ މިއޮތް ކުޑަ ޕަސެންޓަށް އަދި ހިދްމަތް ނުދެވިގެން މިއުޅެނީ ވަރަށް ކުދި ކުދި ކަންތަކާއި ހުރެ، މިސާލަކަށް ފެން މީޓަރު ބަހައްޓާ ތަނުގައި ފާރެއް (ހަރުކުރާނެ) އެއްޗެއް ނެތި ދާނެ، ނޫނީ އެހެން ކޮންމެވެސް ކަމެއް ދިމާވެދާނެ، އެފަދަ ތަންތަނަށް އަދި ހިދްމަތް ނުދެވިފައި ވަނީ. ނަމަވެސް އެފަރާތްތަކަށް ފެން ގުޅާ ދިނުމުގެ މަސައްކަތް މިހާރުވެސް ވަރަށް ބާރަށް އެބަދޭ"
ޝަރީފް ވިދާޅުވީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންގެ ތެރެއިން 37 އިން ސައްތަ މީހުން ފެނުގެ ހިދްމަތް ހޯދުމަށް އެދިފައި ނުވާކަމަށެވެ.
"އަދި ނިސްބަތުން ބޮޑު ޕަސެންޓެއް ހިދްމަތަށް ނޭދޭ، އެފަރާތްތަކަށް ކަރަންޓް ބިލާއި އެކު ފެނުގެ ހިދްމަތަށް އެދޭ ފޯމް މިހާރު މިދަނީ ފޮނުވަމުން، ވަކި މުއްދަތެއް ދީގެން. އެމުއްދަތުގެ ފަހުން ދެން ފެން ގުޅާދޭނީ އަގެއް ނަގައިގެން، އެކަން ކުރަމުން މިދަނީ"
ޝަރީފް ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ހުރިހާ ގެތަކަށް މިހާރު ސާފު ބޯފެން ފޯރުކޮށްދީފައިވާ ކަމަށެވެ.