ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްދޭ ކަންތައް ބައެއް ރައްޔިތުންނަށް ނުފެންނަނީ ލޯ އަނދިރިވުމުން ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާހިދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ޝާހިދު މިގޮތަށް ވިދާޅުވެ ނުރުހުން ފާޅުކޮށްފައިވަނީ، ހޯމަ ދުވަހުގެ ރޭ ސ.ހިތަދޫ، އަނބުގަސްދޮށުގޭގައި ހުންނަ ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުވުމަކީ، މިހާރު އައްޑޫގައި ހަރަކާތްތެރިވާ 'ޕީޕީއެމްގެ އައްޑޫ ސްޓިއަރިން ކޮމިޓީގެ ފަރާތުން ހިތަދޫގެ ޒުވާނުންނާއި އެކު ބޭއްވި ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ސްޕޯޓްސް އެރީނާ ތަކުގެ މަސައްކަތް މަޑު ޖެހިފައިވުމާއި، ހިތަދޫ ޔޫތް ސެންޓަރުގެ މައްސަލަ އަދި ޒޯން ސްޓޭޑިއަމް އާއި ޖެހިގެން ހަދަން ފެށި ފުޓްސަލް ދަނޑުގެ މަސައްކަތް މަޑުޖެހިފައިވާ މައްސަލައިގައެވެ.
ޒުވާނުންގެ ކަންބޮޑުވުންތަކާއި ގުޅިގެން "ސަރުކާރުން ކޮށްދޭ ކަންތައް ނުފެންނަނީ ލޯ އަނދިރިވުމުން ކަމަށް" ވިދާޅުވެ ޝާހިދު ވާހަކަ ދެއްކެވުމުން ބައްދަލުވުމަށް ދިޔަ ޒުވާނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ، ސަރުކާރުން ކޮށްދޭ ކަންތައް ނުފެނިގެން ނޫޅޭ ކަމަށާއި، ނުކުރެވި ހުރި ކަންތަކުގެ ވާހަކަ ދެއްކުމަކީ، އެމީހުންނަށް ލިބިފައިވާ ޙައްޤެއް ކަމަށެވެ.
" ލޯ އަނދިރިވެގެން ނުފެނިގެން ނޫޅޭ ހިތަދޫ ޒުވާނުން. މި ދައްކަނީ، ފެށި ގޮތަށް ވާނުވާ ނޭނގި މަޑުޖެހިފައިވާ ކަންކަމުގެ ވާހަކަ. ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރާ ޒުވާނުންނަށް ދޭން ޖެހޭ ޖަވާބެއް ނޫން އެއީ." ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ދެއްކެވި ވާހަކަ އާއި ގުޅިގެން ހިތްހަމަނުޖެހިފައި ހުރި ހިތަދޫ ޒުވާނަކު ބުންޏެވެ.