Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ރޭލެއްގެ ދަށުވެ ދެ ކުދިން އިންޑިއާގައި މަރުވެއްޖެ

ފޮޓޯ: ގެޓީ އިމޭޖެސް

އިންޑިއާގެ ވެރިރަށް ކަމަށްވާ ދިއްލީގެ ރޭލުދަގަނޑު މަތީގައި ނަފްސީ ނަގަން ތިބި ފުރާވަރުގެ ދެކުދިން މަރުވެއްޖެއެވެ.

ރޭލުތައް ދުންވާ މަންޒަރާއިއެކު ނަފްސީ ނެގުމަށްޓަކައި ފުރާވަރުގެ ކުދިންގެ ގްރޫޕެއް ވަނީ ހޮނިހިރު ދިއްލީގެ އިރުމަތީ ރޭލު ދަގަނޑުތައް ކައިރިއަށް ގޮސްފައެވެ.

އެހެންނަމަވެސް ރޭލު އައި ވަގުތު ރޭލު ދަގަނޑުތައް މަތިން އެގްރޫޕްގެ ދެކުދިންނަށް ދުރު ނުވެވެނީސް، ރޭލު ދަށުފައި އެދެކުދިން ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ އަހަރު ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި އެހެން ހުރިހާ ޤައުމްތަކާއި އަޅާބަލާއިރު ނަފްސީ ނެގުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު އިންޑިއާގައި ގިނަ ކަމަށެވެ.

ކާނެގީ މެލަން ޔުނިވާސިޓީ އާއި އިންދްރަޕްރަސްތާ އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން އިން ކުރި ދިރާސާއިން ދައްކާފައިވާ ގޮތުގައި 215 އާއި 216 އާއި ދެމެދު ނަފްސީ ނެގުމުގެ ތެރޭގައި މުޅި ދުނިޔޭގައި ރެކޯޑް ކުރެވުނު 127 މަރުގެ ތެރެއިން 76 މަރަކީ އިންޑިއާގައި ހިނގާފައިވާ ހާދިސާތައް ކަމަށެވެ.

އެންމެ ފަހުން ހިނގި އެފަދަ ހާދިސާގެ ވާހަކަ އާންމު ވެފައިވަނީ އަންގާރަ ދުވަހު ފުލުހުން އެހާދިސާގެ ތަފްސީލްތައް ހިއްސާ ކުރުމުންނެވެ.

"ފޮޓޯތައް ނަގަމުން ދިޔައިރު، އެމީހުން (ފުރާވަރުގެ ކުދިން) އަށް ވަނީ އެމީހުންނާއި ދިމާއަށް ރޭލެއް އަންނަ ތަން ފެނިފައެވެ. އަދި އެމީހުން ވަނީ އެހެންވެ ފަހަތަށް ޖެހިފަ. އެކަމަކު އަނެއް ފަރާތުންވެސް އެހެން ރޭލެއް އައުމުން އެމީހުން އެދެ ރޭލު ދެމެދު ތާށިވެފައި ތިބީ. މަރުވި މީހުންގެ ގައިގައި އޭގެ ތެރެއިން އެއް ރޭލު ވަނީ ޖެހިފައި"، ފުލުހުންގެ އޮފިސަރަކު ބުނި ކަމަށް ދަ އިންޑިއަން އެކްސްޕްރެސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރޭލްވޭގެ ފުލުހުންގެ އޮފިސަރަކު ބުނެފައިވާ ގޮތުގައި އެކުދިން ވަނީ ޕްރޮފެޝަނަލް ކެމެރާއެއްވެސް އެޝޫޓް އަށްޓަކައި ކުއްޔަށް ހޯދާފައެވެ.