އިނގިރޭސި ވިލާތުގެ ސިނެމާތަކުގައި އެމާ ސްޓޯންއާއި ރަޔާން ގޯސްލިންގް ގެ އެންމެ ފަހުގެ ފިލްމް "ލާ ލަ ލޭންޑް" އެޅުވި އެންމެ ފުރަތަމަ ހަފްތާ ބަންދުގައި 6 މިލިއަން ޕައުންޑަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ. އެއީ މިހާތަނަށް އެޅުވި އެހެން ފިލްމްތަކަށްވުރެ ގާތްގަނޑަކަށް 5 މިލިއަން ޕައުންޑް އިތުރު އަދަދެކެވެ.
މިއަހަރު އެންމެ ގިނަ ގޯލްޑެން ގްލޯބްސް އެވޯޑްތައް ލިބުނު އެފިލްމް ވަނީ ބެފްޓާ އެވޯޑްސްގެ 11 ކެޓެގަރީއަކުން ނޯމިނޭޓް ވެފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމްގެ ކެޓެގަރީވެސް ހިމެނެއެވެ.
"ލާ ލަ ލޭންޑް" ގެ ކުރިން އެޅުވުނު މިއުޒިކަލް ފިލްމްތަކުގެ ތެރެއިން ހަފްތާ ބަންދުގައި އެންމެ ބޮޑު ފައިދާއެއް ހޯދާފައި ވަނީ 2013 ވަނަ އަހަރު ނެރުނު ލެސް މިޒަރެބަލްސް އެވެ. އެއީ 8.12 މިލިއަން ޕައުންޑް އެވެ.
މިދިޔަ ހަފްތާ ބަންދުގައި އެންމެ މަޝްހޫރު ފިލްމް ކަމަށްވާ "އެސޭސިންސް ކްރީޑް" ވަނީ "ރޯގް ވަން" އާއި "މޮއާނާ" ގެ ފަހަތުން ހަތަރު ވަނަ އަށް ވެއްޓިފައެވެ.
"ލާ ލަ ލޭންޑް" ގައި ރަޔާން ގޯސްލިންގް ޖޭޒް ޕިއާނޯ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދާއިރު، އެމާ ސްޓޯން ފެނިގެންދަނީ އުންމީދީ އެކްޓްރެސް އެއްގެ ގޮތުގައެވެ. އަދި އެފިލްމް ދައްކުވައިދެނީ އެދެމީހުންވެސް އެމީހުންގެ ހުވަފެންތައް ހަޤީގަތަކަށް ހެދުމަށްޓަކައި ލޮސް އެންޖެލިސްގައި ކުރާ މަސައްކަތެވެ.
އެމާ ސްޓޯން އާއި ރަޔާން ގޯސްލިންގް އަށް ވަނީ ގޯލްޑެން ގްލޯބްސް ގައި އެފިލްމުން އެވޯޑް ލިބިފައެވެ. އަދި އެފިލްމަށްވެސް ވަނީ އެންމެ މޮޅު ފިލްމް (ކޮމެޑީ ނުވަތަ މިއުޒިކަލް) ގެ އެވޯޑްވެސް ލިބިފައެވެ.