Last Updated: March 29, 09:42
Friday, March 29, 2024
ސިޔާސީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވިފައި

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ނިންމުމާއި ގުޅިގެން އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ދެކަފިވެ، ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުރަސް އެޅިއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން 2 ފަހަރެއްގެ މަތިން ތާވަލް ކުރި ނަމަވެސް އެންމެ ފަހުވަގުތު ވަނީ ކެންސަލްކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު ބުނި ގޮތުގައި ޖަލްސާއެއް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށް ފަހު ކެންސަލް ކުރީ ސަބަބެއް އަންގާފައި ނުވާކަމަށެވެ. އަދި އޭގެ ފަހުން ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ޤައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ބުނެ މެންބަރުންނަށް މެސެޖް ކުރުމަށް ފަހު އެ ޖަލްސާ ވެސް ކެންސަލް ކުރީ ކަމަށެވެ.

" އެންމެ ފުރަތަމަ 10 ގައި ބޭއްވުމަށް ނިންމުމަށްފަހު ކުއްލިގޮތަކަށް ކެންސަލް ކުރީ، 11 ވަނަ ދުވަހު މެންބަރުންނަށް މެސެޖް ވެސް ކޮށްފައި ކެންސަލް ކުރީ އެންމެ ފަހު ވަގުތު"، އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގައި އެމްޑީޕީގެ އިތުރުން ހިމެނޭ އަދާލަތު ޕާޓީ އިން ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީ އިން ނިންމާފައިވަނީ، އިންތިޚާބުގައި ވާދަކުރުމަށެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ ޤައުމީ މަޖިލިސް ނުބޭއްވި ދިގުލައިގެން ދަނީ އެމްއޯޔޫގައި ހިމެނޭ އަދާލަތު ޕާޓީގެ ނިންމުމާއި އެއްގޮތަށް ކައުންސިލް އިންތިޚާބު ބޮއިކޮޓް ކުރުމަށް ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ބޭނުންވެ އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިގުލައިގެން ދިޔަ ނަމަވެސް ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ އިސް ފަރާތްތަކުން ގެންދަަވަނީ ވަކިން ބައްދަލުކުރައްވަމުންނެވެ.