Last Updated: June 26, 06:30
Friday, June 26, 2026
ވިޔަފާރި

އުރީދޫގެ 4ޖީ+ ހިދުމަތް މުޅި ރާއްޖެ އަށް

އުރީދޫން 4ޖީ+ ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާ ކޮށް، ހިދްމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނީގެ ޝަރަފު އުރީދޫން ހޯދައިފިއެވެ.

4ޖީ+ ގެ ހިދްމަތް މުޅި ރާއްޖެެއަށް ފުޅާ ކުރުން ފާހަގަކުރުމަށް އެކުންފުނިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހ ވިދާޅުވީ މުޅި ރާއްޖެއަށް 4ޖީ+ ގެ ހިދްމަތް ދޭން ނިންމީ އުރީދޫގެ މައި ކުންފުނީގެ ވެރިޔާ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެކަމަށް އެދިވަޑައިގެން ކަމަށެވެ.

ވިކްރަމް ވިދާޅުވީ ގަތަރުގެ އުރީދޫ ގްރޫޕުގެ ސީއީއޯ ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ އޮކްޓޫބަރ މަހު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ނެޓްވޯކް އޮތް ގޮތް ދެކި ވަޑައިގެން ހިދްމަތް ޒަމާނީ ފެންވަރަކަށް ބަދަކު ކުރެއްވުމަށް ނިންމެވި ނިންމެވުމުގެ ނަތީޖާއަކީ މިއަދު މުޅި ރާއްޖެ 4ޖީ+ ނެޓްވޯކަކުން ގުޅާލުމެވެ.

މިއަދު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އުރީދޫގެ 4ޖީ+ ހިދްމަތް ލިބޭނެ ކަމުގެ ޔަގީންކަން ވިކްރަމް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވިކްރަމް ވަނީ 4ޖީ+ ނެޓްވޯކް ވަރުގަދަ ކުރުމަށް މުޅި ރާއްޖެ ގުޅާލުމަށް އުރީދޫން އެޅި ސަބްމެރިން ކޭބަލް އެޅުމުގައި އުރީދޫގެ މުވައްޒަފުންނާއި، ކޭބަލް އެޅުމަށް ހަވާލުވި ޗައިނާގެ ވާވޭ ކުންފުނީގެ މަަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތަށް ފަހު އުރީދޫގެ ހެދްއޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ 4ޖީ+ ހިދްމަތާއި އެކު ތަފާތު ހިދްމަތް ލިބޭ ޕެކޭޖެއް ވަރަށް އަވަހަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.