އައްޑޫގެ ޓޫރިޒަމް ސިނާއަތުގެ ތަސައްވުރު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލުކޮށްލެވޭނެ ކަމަށް ޓޫރިޒަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު ވިދާޅުވީ އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު އެކަމަށް ހާއްސަ ސަރަހައްދުތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަމަށް ކަނޑައެޅި ޕްލޭން ރައްޔިތުންނާއި ހިއްސާކޮށްފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ގެސްޓް ހައުސް ޓޫރިޒަމް ތަރައްޤީ ކުރުމަށް ސަރުކާރުން އުފެއްދި އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޭފުޅުން މިހަފްތާ ތެރޭގައި އައްޑޫއަށް ޒިޔާރަތްކޮށް މި ސިޓީގައި ތަރައްޤީ ކުރެވޭނެ އެނދުތަކުގެ ތަފްސީލް ހޯއްދަވާނެ ކަމަށެވެ. އަދި އެޕްލޭން ލިބުމާއި އެކު އައްޑޫގެ ވިޔަފާރިވެރިންނަށް މިތަނުގައި ޓޫރިޒަމަށް އިންވެސްޓް ކުރުމަށް ހުޅުވާލާނެ ކަމަށެވެ.
އައްޑޫގެ ޓޫރިޒަމްގެ ސިނާއަތް ބަދަލުކޮށްލަވާނެކަމަށް ޒަމީރު ވިދާޅުވިއިރު މި ސަރުކާރުން އައްޑޫގައި 5000 އެނދު ތަރައްޤީ ކުރައްވާނެކަމަށް ވަނީ ވައުދުވެފައެވެ. ވެރިކަމުގެ 3 އަހަރު ފާއިތުވެގެން ދިޔައިރުވެސް އެންމެ އެނދެއް އަދި އިތުރުވެފައި ނުވެއެވެ.