މިދިޔަ 2016 ވަނަ އަހަރު ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި އައްޑޫ ސިޓީގެ ސްކޫލްތަކުން ބައިވެރިވި ދަރިވަރުންގެ ތެރެއިން ފާސްވި ދަރިވަރުންގެ ނިސްބަތް 80 އިންސައްތަ އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.
ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ކުދިން ވަނީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.
އައްޑޫ ސިޓީގައި އޯލެވެލްއަށް ކިޔަވައިދޭ ފަސް ސްކޫލްގެ ފަރާތުން 700 އަށްވުރެ ގިނަ ކުދިން ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރި ވެފައެވެ. އެގޮތުން ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 60 އިންސައްތައަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އަމާޒަށް އެހުރިހާ ސްކޫލަންވެސް ވަނީ ވާސިލްވެފައެވެ. އޭގެ އިތުރުން ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް ވަނީ 80 އިންދައްތަށްވުރެ މައްޗަށް ގޮސްފައެވެ.
ޝަރަފުއްދީން ސްކޫލްގެ ފަރާތުން 150 ކުދިން އޯލެވެލް ހެދިއިރު، 30 ކުދިން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި ހިތަދޫ ސްކޫލުން ބައިވެރިވި 60 ކުދިންގެ ތެރެއިން ހަކުދިން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
އޭގެ އިތުރުން ފޭދޫ ސްކޫލްގެ ފަރާތުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް ވަނީ 85 އިންސައްތައަށް އަރާފައެވެ.
އައްޑޫ ސިޓީގައި އޯލެވެލްއަށް ކިޔަވައިދެމުންދާ ސްކޫލްތަކުގެ ޕްރިންސިޕަލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް އެސްކޫލްތަކުގެ ދަރިވަރުން ވަނީ އޯލެވެލް އާއި އެސްއެސްސީގައި ހޯދާފައެވެ. ހަމަ އެއާއިއެކު ދަރިވަރުން ބައެއް މާއްދާތަކުން 100 އިންސައްތަ މާކުސް ހޯދާފައިވާއިރު، މިއަހަރު ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތަކީ 80 އިންސައްތައަށްވުރެ ބޮޑު އަދަދަކަށް ހެދުމަށްޓަކައި އަޒުމް ކަނޑައަޅުއްވާފައިވާކަމަށް ޕްރިންސިޕަލުން ވިދާޅުވިއެވެ.
އެހެންނަމަވެސް، އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިދިޔަ އަހަރުވެސް އިސްލާމް އާއި ދިވެހި، މިދެމާއްދާއިން އެހާ ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ދަރިވަރުންނަށް ހާސިލްވެފައި ނުވިނަމަވެސް، ގިނަ ދަރިވަރުން ތިބީ އެކުދިންނަށް ލިބުނު ނަތީޖާއާއި މެދު ހިތްހަމަ ޖެހިފައެވެ. އެސްއެސްސީ މާއްދާތަކުން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މިއަހަރު އިތުރު ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގައި، އެދެމާއްދާއިންވެސް އެކަށީގެންވާފަދަ ރަނގަޅު ނަތީޖާއެއް ނެރޭވެނެކަމަށް ސްކޫލްތަކުން ވަނީ ބުނެފައެވެ.