ހައްޔަރު ކުރެވިފައިވާ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވެފައިވާ ޕެންޑާ ކަމަށްވާ ބާސީ، އޭގެ 37 ވަނަ އުފަންދުވަސް ބުދަ ދުވަހު ފާހަގަ ކޮށްފިއެވެ.
ބާސީ އޭނާގެ އުފަންދުވަސް ފާހަގަ ކޮށްފައިވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސްގައެވެ.
1980 ވަނަ އަހަރު ދުނިޔެއަށް އުފަންވި ބާސީ އަކީ ޤަބޫލު ކުރެވޭ ގޮތުގައި ޗައިނާގެ ބިމުގައި އެންމެ މަޝްހޫރު ޕެންޑާއެވެ. 1990 ވަނަ އަހަރު ބާސީ ވަނީ ބެއިޖިންގް އޭޝިއަން ގޭމްސް ގެ މެސްކޮޓް ކަމަށްވާ ޕޭން ޕޭންގެ މޮޑެލް އަކަށްވެސް ހޮވިފައެވެ.
ބާސީ އަށް އެނަން ދެވުނީ ޗައިނާގެ ހުޅަނދު ދެކުނު ސިޗުއާން ޕްރޮވިންސްގެ ބާސީ ޖޯޖް އިން އޭނާ ސަލާމަތް ކުރެވުމާއި ގުޅިގެންނެވެ.
ބާސީ ވަނީ 1984 ވަނަ އަހަރު ފޫޗައު އަށް ބަދަލުވެފައެވެ. ފޫޗައުގެ ސްޓްރެއިޓް ޕެންޑާ ރިސާޗު އެންޑް އެކްސްޗޭންޖް ސެންޓަރުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ބާސީގެ ހާލު ރަނގަޅެވެ.
"އޭނާ ރަނގަޅަށް ކައި، ނިދާ އަދި ޙަރަކާތްތެރި ވޭ"، ޑިރެކްޓަރު ވިދާޅުވިއެވެ.
މީގެ 10 އަހަރު ކުރިއާއި އަޅާބަލާއިރު ބާސީގެ ހިތުގެ ވިންދު ވަނީ މިނެޓަކު 110 އަކުން 60 އަށް ވެއްޓިފައެވެ. އެއީ ކުރިއަށްވުރެ މިހާރު ބާސީ ހަރަކާތްތެރިވާ ކުޅިވަރުތައް މަދުވެފައި ވާތީއެވެ.
ދުވާލެއްގެ މައްޗަށް ބާސީ އާންމުކޮށް ޙަރަކާތްތެރި ވަނީ ގަޑި އިރަކަށްވުރެވެސް މަދު ވަގުތު ކޮޅެއްގައެވެ. އަދި 21 ގަޑިއިރު އޭނާ ނިދުމުގައި ހޭދަ ކުރެއެވެ. ބާސީގެ ކައިބޮއެ އުޅުމުގެ އާދަތައް ރަނގަޅުވެފައި ބަރުދަނުގައި 100 ކިލޯ ހުންނަ ކަމަށް ޒިންހުއާ ޚަބަރު އޭޖެންސީ އިން ރިޕޯޓް ކުރެއެވެ.

ޑިރެކްޓަރު ބުނެފައިވާ ގޮތުގައި ބާސީއަށް އަޅާލައި ބެލެހެއްޓުމަށްޓަކައި ހަތަރު މީހުން މަސައްކަތް ކުރެއެވެ. އަދި އޭނާގެ ޙަރަކާތްތައް ބެލުމަށްޓަކައި ޖުމްލަ ހަ ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ވެއެވެ. އަދި އެމީހުން އުންމީދު ކުރަނީ ދުނިޔޭގެ އެންމެ ދުވަސްވީ ޕެންޑާއަށް ބާސީ ވެގެންދާނެ ކަމަށެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަރުވި ހޮން ކޮންގެ ޖިއާ ޖިއާ އަކީ އެއިރު ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ޕެންޑާއެވެ. މަރުވިއިރު ޖިއާ ޖިއާގެ އުމުރަކީ 38 އަހަރެވެ.
ޖަޔަންޓް ޕެންޑާއަކީ ހިމާޔަތް ކުރެވިފައިވާ ޖަނަވާރެކެވެ. 2013 ވަނަ އަހަރު ނިމުނުއިރު ލަފާ ކުރެވުނު ގޮތުގައި 1864 ޕެންޑާއިން އެއެއްޗެހީގެ ޤުދުރަތީ މާހައުލުގައި ތިބިއެވެ.
އޭގެ އިތުރުން 422 ޕެންޑާ ހައްޔަރު ކުރެވިފައި ވިއެވެ. ޤުދުރަތީ މާހައުލުގައި ދިރިއުޅޭ ޕެންޑާތައް އެވަރޭޖުކޮށް 15 އަހަރު ދިރިއުޅެއެވެ. އެހެންނަމަވެސް ހައްޔަރު ކުރެވިފައިވާ ޕެންޑާތަކުގެ އުމުރު އެއަށްވުރެ ދިގެވެ. އެއީ އެއީ ކާން ލިބޭ އެއްޗެހި އާއި ދިރިއުޅުމުގެ ހާލަތު ރަނގަޅު ވުމުގެ ސަބަބުންނެވެ.