ކުރީގެ ލޯބިވެރިޔާގެ ގަޔަށް އެސިޑް އެއްލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެކުނު ބެންގަލޫރު ސިޓީގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.
އެފިރިހެން މީހާ ވަނީ ދާދިފަހުން އެއަންހެން މީހާއާއި އެކު ހަތަރު އަހަރު ދުވަހު ލޯބީގެ ގުޅުމެއްގައި އުޅުމަށްފަހު ރުޅިވެފައެވެ.
ބެންގަލޫރުގެ ފުލުހުން ބުނާ ގޮތުގައި އެއީ އަންހެނަކު ފިރިހެނެއްގެ ގަޔަށް އެސިޑް އެއްލި ކަމުގެ ފުރަތަމަ މައްސަލަ ކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް 1،000 އެސިޑް ހަމަލާތައް އިންޑިއާގައި ވެއެވެ. އޭގެ ތެރެއިން ޖުމްލަ ގޮތެއްގައި ހުރިހާ މައްސަލައެއްގައިވެސް އެސިޑް އެއްލަނީ ފިރިހެން މީހާއެވެ.
"މިސީ ބެންގަލޫރު ފުލުހުންގެ ހުޅަނގު ޑިވިޝަންގެ އެންމެ ފުރަތަމަ މައްސަލައޭވެސް ބުނެވިދާނެ. ވޭތުވެދިޔަ 12 އަހަރުގެ ރެކޯޑްތަކަށް ބަލާއިރުވެސް، އަންހެނަކު ފިރިހެނަކަށް އެސިޑް ހަމަލާއެއް ދިންކަމުގެ މައްސަލައެއް ނެތް"، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އެމްއެން އަނޫޗޭތު، ބީބީސީ ހިނދީގެ އިމްރާން ޤުރޭޝީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
"އެސިޑް ޖެހުނީ ޖަޔާކުމާރް ޕުރުޝޮއްތަމްގެ މޫނަށް. އޭނާގެ ކަންފަތާއި ކޯ ވަނީ ފިހިފައި"، އޭނާ ވިދާޅުވިއެވެ.
އޭނާގެ ލޮލަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ.
އުމުރުން 32 އަހަރުގެ ޕުރުޝޮއްތަމް ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ލީޑިއާ ޔެޝްޕޯލް ވަނީ އޭނާގެ މޫނަށް އެސިޑް އެއްލާފައެވެ.
އަދި ޔެޝްޕޯލް އޭނާއާއި ކައިވެނި ކުރަން ބޭނުންވާ ކަމަށާއި، އެހެންނަމަވެސް އެދެމީހުންގެ ދީން ތަފާތު ވުމުގެ ސަބަބުން އޭނާގެ މައިންބަފައިން އެކަމަށް ނުރުހޭ ކަމަށެވެ.
ޔެޝްޕޯލް އަކީ ކްރިސްޓިއަން އަކަށް ވާއިރު ޕުރުޝޮއްތަމް އަކީ ހިންދޫ އެކެވެ.
ޕުރުޝޮއްތަމް ބުނީ އޭނާ އެގުޅުން ރޫޅާލާފައި ވަނީ މީގެ ތިން މަސް ކުރިން ކަމަށާއި، ކައިވެނި ކުރަން އެހެން އަންހެން ކުއްޖަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެކަމާއި އޭނާ ވަރަށް ރުޅި އައި، އެހެންވެ ހަމަލާ ދިނީ"، ޕުރުޝޮއްތަމް ބުންޏެވެ.

އެހާދިސާ ހިނގާފައި ވަނީ ވަޒީފާ ނިންމުމަށްފަހު ޕުރުޝޮއްތަމް ގެއަށް ދިޔަ މަގުމަތީގައެވެ.
މަންޒަރު ދުށް މީހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ލީޑިއާ ޔެޝްޕޯލް ވަނީ ހައްޔަރު ކުރެވިފައެވެ.
އޭނާ ވަނީ މީހަކު މަރަން މަސައްކަތް ކުރި ކަމުގެ ކުށުގައި އަޑުއެހުން އިއްވުމަށްޓަކައި ބުދަ ދުވަހު ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި 14 ދުވަހު ހައްޔަރު ކޮށްފައި ހުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.