އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުންގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެމެރިކާއަށް ވަޑައިގެންފިއެވެ.
ނަޝީދު އެމެރިކާއަށް ވަޑައިގެންފައި މިވަނީ އެމެރިކާގެ ކުރީގެ ނައިބް ރައީސް އަލް ގޯގެ ތިމާވެށީގެ ޑޮކިއުމެންޓަރީ “އެން އިންކޮންވީނިއެންޓް ޓްރުތް” ގެ ދެވަނަ ބައި “އެން އިންކޮންވީނިއެންޓް ސީކުއެލް” އެމްރި މަޝްހޫރު ފިލްމް ފެސްޓިވަލް، ސަންޑާންސްގައި މިމަހުގެ 22 ވަނަ ދުވަހު އިފްތިތާޙްކުރުމުގެ ޙަފްލާއެވެ.
ނަޝީދު އާއި އެކު މިހަފްލާގައި އަލްގޯ އާއި މަޝްހޫރު ފިލެންތްރޮޕިސްޓެއްކަމުގައިވާ ޖެފް ސްކޮލް އާއި ފިލްމް ޕްރޮޑިއުސަރު ހެދަރ ރައި އާއި މަޝްހޫރު ތިމާވެށީގެ ސައިންސްވެރިޔާ ޑރ. ޑޭވިޑް ސުޒުކީ ބައިވެރިވަޑައިގަންނަވާނެއެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ 13 ފިލްމެއް މިހަފްލާގައި އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ފަހުން މީގެ ކުރިން ވަނީ ލަންކާއަށް ދަތުރެއްކޮށްފައެވެ. އެމަނިކުފާން ހައްޔަރު ކުރެއްވި ފަހުން މިއީ އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދުނީޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ ގޮތުން ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.