Last Updated: June 27, 20:02
Saturday, June 27, 2026
ސިޔާސީ

ޕީޕީއެމް ޕްރައިމަރީން ހައްސާނަށް ފުރުސަތެއް ނުދިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލުމަށް ސ.ހިތަދޫ ޖަނބުރޯލުމާގެ މުހައްމަދު ހައްސާން ރަޝީދަށް ބޭނުންވާ ވަރަށް ޕޮއިންޓު ލިބިފައިނުވާކަމަށް ބުނެ ހައްސާން ޕްރައިމަރީން ބާކީ ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްސާން ޕްރައިމަރީން ބާކީ ކުރީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 75 ޕޮއިންޓު ހައްސާނަށް ލިބިފައިނުވާ ކަމަށް ބުނެއެވެ. އަދި އެކަން މިހާރު ހައްސާންއަށް ޕީޕީއެމްއިން ވަނީ އަންގާފައެވެ.

މިކަމާއި ގުޅޭގޮތުން ހައްސާނަށް "އައްޑޫލައިވް"ގެ ފަރާތުން ގުޅުމުން އޭނާ ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ވާދަކުރަ ކެންޑިޑޭޓް، ހުސެން ރަޝީދަށް އޭނާގެ ފުރިހަމަ ތާއީދު ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ފަރާތުން ނިންމި ނިންމުމާއި ބެހޭގޮތުން ސުވާލުކުރުމުން ހައްސާން ވަނީ ޕާޓީގެ ނިންމުމަށް އިހުތިރާމު ކުރާ ކަމަށް ތަކުރާރުކޮށްފައެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްސާންއަށް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލި ބާކީ ކޮށްފައި ވަނީ މިހަފްތާގެ ކުރީ ކޮޅު އައްޑޫއަށް ޒިޔާރަތް ކުރި ޕީޕީއެމް އައްޑޫ ސްޓިއަރިން ކޮމެޓީގެ ވެރިންނާއި ރައްޔިތުން ބައްދަލުކުރި ބައްދަލުވުމުގައި ހައްސާން ދެއްކި ވާހަކަ ތަކާއި ގުޅިގެންނެވެ.

ހައްސާން ވަނީ އެރޭގެ ބައްދަލުވުމުގައި އައްޑޫއަށް ނުކުރެވި ހުރި ވާހަކަ ތައް ދެއްކި ހިތަދޫ ރައްޔިތަކަށް "ލޮލަށް ގޮވުމުން" އެކަމާއި ދެކޮޅަށް ސަރުކާރުގެ ވެރިންނާއި މުހާޠަބްކޮށް ވާހަކަ ދައްކާފައެވެ. އެކަމާއި ގުޅިގެން ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ވެރިން ވަނީ ހައްސާން އާއި މެދު ހިތްހަމަނުޖެހުނު ކަމަށް ވެއެވެ.

ހައްސާން ރަޝީދަކީ ޕީޕީއެމް އުފެދުނީއްސުރެ، އައްޑޫގައި އެ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަމުން ގެންދާ ފަރާތެކެވެ. ޙައްސާނުގެ ކެންޑިޑެންސީ ބާތިލު ކުރުމުން ހިތަދޫއަށް ނިސްބަތްވާ ޕީޕީއެމްގެ މެންބަރުން އެކަމަށް ފާޑުކިޔަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.