Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

އިންތިޚާބު ބޯމަތިވުމުން، އަތޮޅުތަކަށް "ވަޢުދުތަކުގެ ވާރޭ"!

ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް މަހުގެ 8 ވަނަ ދުވަހު އޮންނާނެއެވެ. އަނެއްކާވެސް ރައްޔިތުންގެ މުހިއްމުކަން ސިޔާސީ ފަރާތްތަކަށް ޖެހޭ ދުވަހެއް އަންނަނީއެވެ.

ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ރައްޔިތުންނަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްދޭން ތައްޔާރަށް ތިއްބެވި ސަރުކާރުގެ ވަފުދުތަކުގެ ބޭފުޅުން ނަންގަވާފައިވާ ސެލްފީތަކެވެ.

ރައީސް އަބްދުﷲ ޔާމީންގެ މަންދޫބުންގެ ގޮތުގައި ރަށްތަކަށް ޒިޔާރަތްކުރައްވާ މި ވަފުދުތަކުގެ ބޭނުމަކީ ރައްޔިތުންގެ ހާލު ބެއްލެވުން ކަމަށް މީޑިޔާތަކަށް ދެއްވާފައިވާ އިންޓަވިއުތަކުގައި ވިދާޅުވެފައިވެއެވެ.

ފާއިތުވި 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން އަތޮޅު ތެރޭގެ ގިނަ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި މެދު ނަފްރަތު އުފެދި މުޒާހަރާތައް ކުރި އިރު މިފަދަ ވަފުދެއް އަތޮޅުތެރޭގެ ރައްޔިތުން ކޮބައިތޯ ނުބައްލަވައެވެ.

ކާޑުގެ އަގުބޮޑު ކުރުމާއި ކަރަންޓް ސަބްސިޑީ އަދި ކަރަންޓު ބިލްތަކަށް އިތުރުވަމުން އަންނަ ފިއުލް ސާޗާޖްގެ މައްސަލައިގައި ރައްޔިތުން މަގުމައްޗަށް ނިކުތް އިރު މިފަދަ ވަފުދުތަކެއް އަތޮޅުތެރެއަކަށް ވަޑައެއްނުގަންނަވައެވެ.

"ރާއްޖެތެރޭ މީހުން" މާލެ އަރައިގެން ނުވާނެ ކަމަށް ވިދާޅުވެ އަތޮޅުތެރޭގެ ރައްޔިތުންނަށް މަލާމާތްކޮށް މަޖިލިސް މެންބަރަކު ވާހަކަ ދެއްކެވުމުން ހިތުގައި ޖެހުނު އަތޮޅުތެރޭގެ ރައްޔިތުންނަށް ހަމްދަރުދީފާޅުކުރި ބަޔަކު ނަމަވެސް އެކަން ކުރީ ޓްވިޓާގައެވެ. ވަފުދެއްގެ ގޮތުގައި އަތޮޅުތެރެއަށް ވަޑައިގެންފައެއް ނުވެއެވެ.

ވަފުދުތަކުގެ ދަތުރުގެ ބޭނުމަކީ ހަމަ އެންމެ ކަމެކެވެ. ރައްޔިތުންގެ ވޯޓު ހޯދުމެވެ. އަނެއްކާ ވެސް އާ ހުވަފެންތަކެއް ދައްކާލުމެވެ. ރައީސްގެ މަންދޫބުންގެ ގޮތުގައި އާއި ސްޓިއަރިން ކޮމިޓީތަކުގެ ގޮތުގައި އަތޮޅުތެރެއަށް ޒިޔާރަތްކުރައްވާ ބޭފުޅުންނާއި އެކު އަނެއްކާ އަތޮޅުތެރެއަށް މިވަނީ ތަފާތު މޫސުމެއް އައިސްފައެވެ.

ވަޢުދުތަކުގެ މޫސުމެކެވެ. ގަދަ ވަޔާއި އެކު ހެސްކިޔާފައި ވެހެނީ "ވަޢުދުތަކުގެ ވާރޭ" އެކެވެ. މީގެ ކުރިން ސަރުކާރުގެ ފަރާތުން ފުއްދައިދޭނެ ކަމަށް ބުނި ވަޢުދުތަކުގެ ވާހަކަތައް ބެހެއްޓުމަށް ފަހު މިހާރު އަނެއްކާވެސް އާ ވަޢުދުތައް ވެވަޑައިގަންނަވަނީއެވެ.

އައްޑޫއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ރައްޔިތަކު ޝަކުވާއެއް ހުށަހެޅުމުން ލޮލަށް ގޮވާ ހިސާބަށް ކަންތައް ދިޔަ ނަމަވެސް، އައްޑޫ އިން އެ ވަފުދު ފުރާވަޑައިގެންނެވީ މުޅިން އާ ވަޢުދުތަކެއް ވެވަޑައިގަތުމަށް ފަހުއެވެ. ފުޓްސަލް ދަނޑުތަކާއި، ގެސްޓް ހައުސް އަދި ތާރު އަޅައިގެން މަގުތައް ހަދާނެ ވާހަކަ ދެއްކި ކަމަށް ވެއެވެ.

ކުޅުދުއްފުށީގައި ރައްޔިތުންގެ ލޮލަށް ނުގޮވި ނަމަވެސް، އެރަށުގެ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ބަންޑުން ކޮށްލުމުން ވަފުދުގެ ބޭފުޅުން ތިއްބެވީ ހައްޕު ކިޔުއްވައިގެންނެވެ. އެބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ސިފަކުރި ގޮތުގައި އެ ވަފުދާއި ވާހަކަ ދެއްކުމަށް ވުރެ 'މީޓިން ރޫމްގެ ފާރާއި ވާހަކަދެއްކުން' މާ މޮޅު ކަމަށެވެ.

ރައްޔިތުން ވިސްނަންވީ ކަމަކީ، ލޯކަލް ކައުންސިލް އިންތިޚާބާއި ކައިރިވަމުންދާ ވަރަކަށް މިފަދަ ވަފުދުތައް ވަރަށް ގިނައިން ރަށްތަކަށް ވަޑައިގަންނަވާނެ ކަމެވެ. ރައްޔިތުން ތިބެންވާނީ، މި 'ވަޢުދުތަކުގެ ވާރެއަށް' ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެެވެ. އެހެން ނޫންނަމަ "ސިޔާސީ ރޯގާއެއް" ޖެހުމަކީ ހަމަ އެކަށީގެންވާ ކަމެކެވ.ެ