Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ހައުސިންއިން އެދުނަސް މަގެއް ނެހެދޭ

ޝަރަފުއްދީން ސްކޫލާއި، އެމްއެންޔޫ އަށް ދާން އޮންނަ މަގު

އައްޑޫގެ މަގުތައް ނެހެދިގެން އުޅެނީ އެމްއާރްޑީސީން އެކަން ހަރުދަނާ ގޮތަކަށް ކުރަމުން ނުދާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ އިސް އޮފިޝަލަކު ވިދާޅުވީ މަގު ހެދުމަށާއި، ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ހަދާފައިވާ ފެންހިއްދާ ކާނުތަކުގެ މަތިގަނޑު ހެދުމަށާއި، ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ ޖަންކްޝަން ތަކުން ރަށުތެރެއަށް ލޮނު އަރާ މައްސަލަ ހައްލު ކުރުމަށް ތަކުރާރުކޮށް އެމްއާރްޑީސީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަންކަން ނުކުރެވޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ "ޝީޝާ" ފިހާރައިގެ ކުރިމަތީގައި ބަހައްޓާފައިވާ ދެ ފެން ހިއްދާ ކާނުގެ މަތިގަނޑު ހަލާކުވެ އެތަން ފާހަގަކުރުމަށް ދަނޑިގަޑެއް ޖަހާފައިވާތާ މަސް ދުވަސް ވަނީއެވެ. އެކަން އަދިވެސް އިސްލާހެއް ނުކުރެވެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޮތަށް ހަލާކުވެފައިވާ ކާނުތަކުގެ މަތިގަނޑު ހަދަން ހައުސިން މިނިސްޓްރީން އެމްއާރްޑީސީއަށް މިހާތަނަށް 3 ސިޓީ ވަނީ ފޮނުވާފައެވެ.

އެމްއާރްޑީސީން މަގުތައް ނެހެދޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އެކަމާހެދި ސަރުކާރަށް ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ނަމަވެސް މިކަންކަން ކުރެވެން ޖެހޭކަމަށެވެ.

"ކަމެއްވާ އިރަށް އަބަދުވެސް ދައްކަނީ ބިލްތަކަށް ފައިސާ ނުދީ ހުންނަ ވާހަކަ ނޫނީ ކޮންމެވެސް ބަހަނާއެއް ދައްކަނީ. ކުރެވެން ހުންނަ ކަންކަންވެސް ނުކުރަން އުޅޭތީ މައްސަލައަކީ" އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގެ ވެލި މަގުތައް ހެދުމަށް އެދުމުން އެކަންވެސް ބަރާބަރަށް ކުރިއަށް ނުދާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

"އެމްއާރްޑީސީން އަމަލް ކުރާ ގޮތުން މިހާރު ސީދާ ރައީސަށް މިކަމުގެ ގެއްލުން މިވަނީ، ރައްޔިތުންގެ ހިތްހަމަނެުޖެހުން އެމަނިކުފާނަށް މިއަމާޒު ވަނީ، އެކަމަކު އެކަންކަން ހަރުދަނާކޮށް ކުރުމަށް ރައީސް މިވަނީ ވަޒީފާތަަކަށް މީހުން އައްޔަންކޮށްފައި، އެކަމަކު މަސައްކަތެއް ނުކުރެވޭ، މީ މައްސަލައަކީ"

އެމްއާރްޑީސީއަށް މަގު ނެހެދޭ ކަމުގެ ޝަކުވާ އަމާޒުވާ އިރު އެކުންފުނީގައި އެކަށީގެންވާ މެޝިނަރީ ނެތެވެ. ތަނުގައި ބޭނުން ކުރެވޭ ހާލަތުގައި އޮތީ ދެތިން ވެހިކަލެވެ.