Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

އަނުޝްކާ އަނެއްކާވެސް ހިރާނީއާ އެކު

އާމިރް ޚާންއާއި އެކު ރާޖްކުމާރް ހިރަނީގެ ފިލްމް "ޕީކޭ" ގައި މަސައްކަތް ކުރި އަނުޝްކާ ޝަރްމާ އަނެއްކާވެސް ޑައިރެކްޓަރު ހިރާނީ އާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިއްޖެއެވެ.

ސަންޖޭ ދަތުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމްގައި ރަންބީރް ކަޕޫރްއާއި އެކު އަނުޝްކާ ފެނިގެންދާނީ ޚާއްސަ ފެނިލުމަކުންނެވެ. ބޮމްބޭ ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި އެފިލްމްގައި ޚާއްސަ ފެނިލުމަކަށް ރާޖްކުމާރް ހިރާނީ އަނުޝްކާގެ ގާތު އެހުމުން އަނުޝްކާ ވަނީ ވަގުތުން އެކަމަށް އާނ އެކޭ ބުނެފައެވެ.

"މިހާތަނަށް އަނުޝްކާ އެއްވެސް މީހަކަށްޓަކައި ކެމިއޯ އެއް ހަދާފައެއް ނުވޭ. އެކަމަކު އޭނާ ރަޖޫ ސާ ދެކެ ވަރަށް ލޯބިވޭ އަދި އިޙްތިރާމް ކުރޭ. އެހެންވެ ކެމިއޯ އަށް ތައްޔާރުވީ. އަންގާ ދުވަހުން (17 ޖެނުއަރީ) ފެށިގެން އޭނާ ވަނީ އެޕާޓްގެ ޝޫޓިންގް ފަށާފައި"، ހިރާނީ އެފިލްމް ޝޫޓް ކުރަނީ މުޅިން ސިއްރުގައި ކަމަށް ބުނި މީހަކު މަޢުލޫމާތު ދިން ކަމަށް ބޮމްބޭ ޓައިމްސް އިން ރިޕޯޓް ކުރެއެވެ.

ސަންޖޭ ދަތުގެ ބަޔޮގްރަފިކަލް ފިލްމްގައި އަނުޝްކާ އަދާ ކުރާ ރޯލްގެ ޝޫޓިންގް އޭނާ ފަސް ދުވަހާއި ހަ ދުވަހުގެ މުއްދަތެއްގައި ނިންމާލާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަނުޝްކާ ކުޅެން ހަމަޖެހިފައިވާ ބައިގެ ސްކްރިޕްޓް ވެސް އޭނާއަށް ވަރަށް ކަމު ދިޔަ ކަމަށާއި، އެއީ ކެމިއޯ ރޯލެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެފިލްމްގައި ސަންޖޭ ދަތުގެ ރޯލް އަދާ ކުރާނީ ރަންބީރް ކަޕޫރްއެވެ. އަދި ސަންޖޭ ލޯބީގެ ގޮތުން ގުޅިފައިވާ ހުރިހާ އަންހެނުންގެ ރޯލް އަދާކުރަނީ ސޯނަމް ކަޕޫރް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެފިލްމްގެ ޝޫޓަށްފަހު އަނުޝްކާ އޭނާގެ ދެން އަންނަ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށާނެއެވެ. އެފިލްމްގައި ޕަންޖާބީ އެކްޓަރު ދިލިޖީތު ދޯސަންޖް ވެސް އެކްޓް ކޮށްފައި ވެއެވެ.

އަދި ހަމަ އެހެންމެ ޝާހް ރުކް ޚާންއާއި އެކު އިމްތިއާޒް އަލީގެ އެންމެ ފަހުގެ ފިލްމުންވެސް އަނުޝްކާ ފެނިގެން ދާނެއެވެ.