Last Updated: July 1, 00:12
Tuesday, June 30, 2026
ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ރޫނީ

މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑް އަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ މަގާމު ވޭން ރޫނީ ހާސިލުކޮށްފިއެވެ.

ރޫނީ އަށް އެމަޤާމު ލިބިފައި ވަނީ ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީއާއި މެންޗެސްޓަ ޔުނައިޓެޑް އިން ބައްދަލުވި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.

ރޭގެ މެޗުގައި އެއް ލަނޑު ޖަހައި ދީގެން ރޫނީ އެރެކޯޑް މުގުރާލީ ޖުމްލަ 250 ގޯލް ޔުނައިޓެޑްއަށް ކާމިޔާބު ކޮށްދީގެންނެވެ. މީގެ ކުރިން އެރެކޯޑް ހޯދާފައިވަނީ ސާރ. ބޮބީ ޗާލްޓަން އެވެ. އޭނާ އެރެކޯޑް ޤާއިމް ކޮށްފައިވަނީ 1973 ވަނަ އަހަރުން ފެށިގެންނެވެ.

މެޗަށް ފަހު ރޫނީ ބުނެފައި ވަނީ އެރެކޯޑް ހާސިލް ވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެރެކޯޑް އޭނާއަށް ލިބުނީ ވަރަށް މުހިންމު ވަގުތެއްގައި ކާމިޔާބު ކުރެވުނު ގޯލަކުން ކަމަށެވެ.

ރޫނީގެ މިރިކޯޑާއި ގުޅިގެން ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ކުލަބުގައި މިފަދަ ރިކޯޑެއް ހެދޭނީ ވަރަށް ބުރަ މަސައްކަތުންކަމަށެވެ. ރޫނީގެ މި ރިކޯޑާއެކު އޭނާ ޔުނައިޓެޑުގެ ތާރީޚުގައި އެންމެ މުހިއްމު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައިވާކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯގެ އިތުރުން ގިނަ ބަޔަކު ވަނީ ރޫނީގެ މިކާމިޔާބީއަށް ތައުރީފުކޮށްފައެވެ. އެގޮތުން އޭނާގެ ކުރީގެ ކޯޗު، ސާ އެލެކްސް ފާގަސަން ބުނެފައިވަނީ މިއީ އަންނާނެ ކަން އޭނާ ޔަގީންކޮށްގެން ހުރި ދުވަހެއް ކަމަށެވެ. އަދި ރޫނީއަކީ އަދިވެސް ގިނަ ގޯލުތަކެއް ޖެހޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ބުނެ ފާގަސަންގެ ތައުރީފުގެ ބަސްތައް ރައްދުކޮށްފައިވެއެވެ.

މީގެ އިތުރުން ރިކޯޑު ކުރިން އޮތް ސާ ބޮބީ ޗާލްޓަން ބުނެފައިވަނީ އޭނާގެ ރިކޯޑު މުގުރާލެވުނީތީ ދެރަވާ ކަމަށެވެ. ނަމަވެސް ހަގީގަތުގައިވެސް ރޫނީގެ މިކާމިޔާބީ އާއި މެދު ވަރަށް އުފާވާ ކަމަށް ސާ ބޮބީ ބުނެފައިވެއެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަކީވެސް ރޫނީކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ރޭގެ މެޗުގައި ރޫނީ ގޯލް ޖަހާފައިވަނީ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި ލިބުނި ހިލޭޖެހުމަކުންނެވެ. އިދިކޮޅު ސްޓޯކް ސިޓީއިން ކާމިޔާބު ކުރި ގޯލްއަކީ ޔުނައިޓެޑްގެ ޔުއާން މާޓާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފަހު ވަގުތު ރޫނީ ޖެހި ގޯލާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ އެވޭ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައެވެ.

ރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ޔުނައިޓެޑް އެއްވަރުވި ދެވަނަ މެޗަށް ވީއިރު، މިހާރު އެޓީމް އޮތީ 41 ޕޮއިންޓާއި އެކު ލީގުގެ ހަވަނައިގައެވެ. އަދި ސްޓޯކް އޮތީ 28 ޕޮއިންޓާއިއެކު ލީގުގެ ނުވަ ވަނައިގައެވެ.