Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

16 އަހަރުގެ ކުއްޖަކު ނުވަ އަހަރުގެ ކުއްޖެއްގެ ލޭ ބޮއެފި

އިންޑިއާގެ ލުދިއާނާގެ ކާނެއިލް ސިންގް ނާގަރްގައި ގްރޭޑް 8 ގައި ކިޔަވަމުން އައި ނުވަ އަހަރުގެ ދީޕޫ އިހާނެތި ގޮތަކަށް މަރާލި ކަމުގެ ކުށުގައި ފުރާވަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހުކުރު ދުވަހު ހައްޔަރު ކުރެވުނު އެކުއްޖާ ވަނީ ނުވަ އަހަރުގެ ކުއްޖާގެ މަސް ކެއުމުގެ މަޤްސަދުގައި އަންގާރަ ދުވަހު މަރާލި ކަމަށް އެއްބަސްވެފައި ކަމަށް އިންޑިއާގެ ފުލުހުން މަޢުލޫމާތު ދިންކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓް ކުރެއެވެ.

މިމައްސަލައިގައި ހައްޔަރު ކުރެވިފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެއެވެ. އޭނާއަކީ މަރުވި ފިރިހެން ކުއްޖާގެ އަވަށްޓެރިއެކެވެ. 16 އަހަރުގެ އެޒުވާނާ ފުލުހުންނަށް މަޢުލޫމާތު ދިން ގޮތުގައި އޭނާ ވަނީ މަރުވި ނުވަ އަހަރުގެ ކުއްޖާގެ ފައިގެ ފަލަމަސްގަނޑުން ބައެއް ކައި، އޭނާގެ ލޭ ބޮއެފައެވެ. އެކުއްޖާގެ ހަށިގަނޑު ހަބައަކަށް ކޮށާފައި ގޯނިއަކަށް ލާފައި އޮތްވާ ވަނީ ފެނިފައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ ވަނީ އެކުއްޖާގެ ހިތް ނެގުމަށްފަހު މާޓާ ނާގަރްގައި ހުންނަ ހޯލީ ހާޓް ސީނިއާ ސެކަންޑްރީ ސްކޫލްގެ ގޯތި ތެރެއަށް އުކާލާފައެވެ. އެގޮތަށް އޭނާ ކަންތައް ކުރީ އެސްކޫލްގެ ނަން ހަޑި ކުރުމަށް ކަމަށްވެސް ޚަބަރު ލިބެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި 16 އަހަރުގެ ފިރިހެން ކުއްޖާ އެކަންތައް އެހެން ކޮށްފައި ވަނީ އޭނާ ދުވަހަކުވެސް ސްކޫލްއަށް ދާހިތް ނުވާތީ ކަމަށެވެ. ފުލުހުން ވަނީ މަރުވި ކުއްޖާގެ ހިތް އެސްކޫލްގެ ކޮމްޕައުންޑް އިން ހޯދާފައެވެ.

ފުލުހުން ބުނަނީ ހައްޔަރު ކުރެވުނު ފިރިހެން ކުއްޖާއަކީ ކޮންމެވެސް ނަފްސާނީ ބައްޔެއް ހުންނަ ކުއްޖެއް ކަމަށާއި ރޯމަސް ކެއުމަށް އޭނާ ޝައުޤުވެރިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި އެކުއްޖާ ބައެއް ފަހަރު އޭނާގެ އަމިއްލަ އަތުގައި ދަތް އަޅާކަމަށް އޭނާގެ މައިންބަފައިންވެސް ވަނީ ބުނެފައެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ބުޕިންދަރް ސިންގް ސިދޫ ވިދާޅުވީ މަރުވި ކުއްޖާގެ ހަށިގަނޑު ފެނުނު އިރު އޮތީ ހަބަޔަކަށް ކޮށާފައި ކަމަށެވެ. އަދި ކުރިން ފުލުހުން ހީކުރީ އެއީ އިންސާނީ ޤުރުބާނީއެއް ކަމަށެވެ.

"އަޅުގަނޑުމެން އެސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާތައް ސްކޭން ކުރިން. ލިބެން ހުރި ފުޓޭޖު ތަކުން ތުހުމަތު ކުރެވުނު ކުއްޖާ ދީޕޫ ގޮވައިގެން ދާތަން ފެނުނު. ތުހުމަތު ކުރެވޭ ކުއްޖާ ހޯދުމަށްފަހު އަޅުގަނޑުމެން އޭނާއާއި ސުވާލު ކުރިން. އޭނާ ބުނީ ޖެނުއަރީ 17 ވަނަ ދުވަހު މަޑީގެ ކޮޅުގައި ފަށެއް އައްސައިގެން އޭނާގެ ގެޔަށް ދީޕޫ ގެނައުމަށް މަސައްކަތް ކުރިކަމަށް. އެވަގުތު އޭނާގެ މައިންބަފައިން ގޭގައި ނެތް ކަމަށާއި ދިޕޫ ދަންޖައްސައިގެން މަރާލި ކަމަށް"، ޑީސީޕީ ވިދާޅުވިއެވެ.

ފުރާވަރުގެ ފިރިހެން ކުއްޖާ ވަނީ ދީޕޫގެ ހަށިގަނޑު ކުދިކޮށް ކޮށާފައި، ފާޚާނާ ތެރޭގައި ފެނުން ދޮވެފައި، ދީޕޫގެ ގެއިން 50 މީޓާރު ދުރުގައި އޮތް ހުސް ބިމެއްގައި އޮތް ގޯނިއަކަށް ލާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޑީސީޕީ އިތުރަށް ވިދާޅުވި ގޮތުގައި އެފުރާވަރުގެ ފިރިހެން ކުއްޖާ ފުރަތަމަ ރޭވީ ދީޕޫގެ އާއިލާގެ ފަރާތުން ފައިސާ ހޯދުމަށް ކަމަށާއި، ފަހުން އެޕްލޭން ދޫކޮށްލި ކަމަށެވެ.