ލޯކަލް ކައުންސިލް އިންތިހާބް ބޯމަތިވެފައިވަނިކޮށް ރައީސް އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތު ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ހދ އަތޮޅަށް ކުރެއްވި ޒިޔާރަތުގައި އެ އަތޮޅު ނޮޅިވަރންފަރަށް ވަޑައިގަތުމުން އެ ރަށުގެ އަންހެން ކަބަލުންތަކެއް ނިކުމެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ބޯޑު ތަކާއި އެކު 2018 އަށް "ސޮރީ"ބުނެފިއެވެ.

200 އެއްހާ އަންހެން ކަބަލުން ވަނީ ހިމޭން ކަމާއި އެކު އެރަށުގެ ރައްޔިތުންގެ ޝުއޫރު ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އަށާއި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހަސަން މަނިކު އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހިމެނޭ ޓީމަށް ދައްކާލާފައެވެ.

އެކަބަލުން ހިފައިގެން ތިބި ބޯޑުތަކުގައި މުޅިވެސް ވަނީ ސަރުކާރުން އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކެވެ.
ނޮޅިވަރަންފަރުގެ ޓްރެއިނިންގ ރިސޯޓްގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވާ މައްސަލަ އާއި ނަރުދަމާ މައްސަލަ އާއި ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލަ އާއި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުކުރި މީހުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުން ބޯޑުތަކުގައި ލިޔެވަފައިވެއެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް ބޯޑަކީ "2018 އަށް އަހަރެމެން ބުނާނީ ސޮރީ"ލިޔެފައިވާ ބޯޑެވެ.
މުއިއްޒު އާއި އޭނާގެ ޓީމުން ވަނީ ސުލްހަވެރި މުޒާހަރާގައި ތިބި އަންހެން ކަބަލުންނާއި ބައްދަލުކޮށް އެ ކަނބަލުންގެ ޝަކުވާ އަޑޫ އަހާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަރުކާރުގެ ޓީމްތަކުން ޒިޔާރަތް ކުރަމުން އަންނަ އިރު ރައްޔިތުން އަންނަނީ އެމީހުންނަށް ވި ވައުދު ނުފުއްދިވާ ކަމުގެ ޝަކުވާ ހަރުއަޑުން ގޮވާލަމުންނެވެ.