ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ގަންނަން ދޫކުރި 17 މިލިއަން ރުފިޔާގެ ފައިސާ ގެއްލުމާއި ގުޅިގެން ޑޮލަރު ގަންނަން އާ އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝައިން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް "އައްޑޫލައިވް"އަށް ވިދާޅުވީ ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ގެއްލުމާއި ގުޅިގެން ޑޮލަރު ގަތުމަށް އާ އުސޫލެއް ކަނޑައަޅައި ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި ހިއްސާ ކޮށް ފައިނަލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ ކުންފުނީގެ ބޯޑުން އަލުން މިއެކުލަވާލި އުސޫލުގެ ތެރެއިން ރައްކާތެރި ކަމާއި އެކު ޑޮލަރު ގަނެވޭނެކަމަށެވެ.
ފެނަކަ އަށް ބޭނުންވާ ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރި މައްސަލަ އެކުންފުނީގެ ބޯޑުން ބެލުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އަޅައި ދައުވާ ކުރުމަށް ދަނީ ވިސްނަމުންނެވެ.
ޝަރޫ ލޯންޗް ސާވިސްއަށް ދޫކުރި ފައިސާ ނުލިބުމުން އެންމެފަހުން ފެނަކައިން ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.