Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ހިތަދޫ ކެމްޕަހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ) އައްޑޫ ސިޓީ، ހިތަދޫ ކެމްޕަހުގެ އާ އިމާރާތުގައި ބިންގާ އަޅާއިފިއެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ އޮފީސް ހިންގުމަށާއި ޚިދުމަތްތަކަށް ޚާއްސަކޮށްގެން ހަދާ މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.މުޙައްމަދު ލަޠީފު ވިދާޅުވީ، ތަރައްޤީއާ އެއްވަރަށް ރައްޔިތުން ތަޢުލީމުގެ ގޮތުންވެސް ކުރިއަރަންޖެހޭ ކަމަށެވެ.

ޑރ.ލަތީފް ވިދާޅުވި ގޮތުގައި ހިތަދޫ ކެމްޕަހުގައި ވަޞީލަތްތައް އިތުރުވާންޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އަދި އެކަމަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ކެމްޕަހުގައި 600 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމާއި ތަމްރީނު ހާޞިލްކުރަމުން ގެންދާއިރު އައު އިމާރާތް އެޅުމަށް އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހަދާ މި އިމާރާތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.