Last Updated: May 18, 14:59
Saturday, May 18, 2024
ޚަބަރު

ސޯލާ އިން ކަރަންޓް އުފައްދާ 11 ތަނެއް ފެނަކަ ގްރިޑުން ވަކިކޮށްފި

ހުޅުދޫ ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރު ކުރަނީ.

ސޯލާ ޕެނަލް ޖަހައިގެން އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރަމުން އައި 11 ތަނެއް ފެނަކައިގެ ގްރިޑުން މިއަދު ވަކިކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިމަހުގެ 19 ވަނަ ދުވަހު ސޯލާ ޕެނަލް ޖަހައިގެން ކަރަންޓް ބޭނުން ކުރަމުން ދިޔަ ގެތަކަށް ވަނީ ލިޔުން ފޮނުވާފައެވެ.

ފެނަކައިން ގޭގެއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، މިކުންފުނިން ޚިދުމަތް ދެމުންދާ ކަސްޓަމަރުންގެ ތެރެއިން އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމްތައް ނެޓް މީޓަރިންގް އުސޫލުން ކަރަންޓްގެ ވިއުގައަށް ގުޅުމަށް އެދޭ ފޯމް ފުރިހަމަކޮށް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް މެނުވީ މި ޚިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށެވެ.

އަދި މިހާރު އެ ކުންފުނިން ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައުސް މީޓަރ ތަކުގެ ހިނގުމަށް ބަދަލު އަންނަ ގޮތަށް އެއްވެސް ފަރާތަކުން ކަރަންޓް ވިއުގާ ގުޅާފައިވާނަމަ އެކަން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ކަރަންޓް ވިއުގަ އާއި ވަކި ކުރުމަށެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ސޯލާ ހަރުކޮށް ފެނަކަ ގްރިޑާއި ގުޅާފައިވާ ހުރިހާ ތަނަކުން ގްރިޑާއި ގުޅާފައިވާ ގުޅުން ކަޑާފައެވެ. އޭގެ ތެރޭގައި ހިތަދޫގެ 7 ގެޔަކާއި 2 ފިހާރައެއްގެ އިތުރުން ސަރުކާރުގެ ދެ އިމާރާތް ހިމެނެއެވެ.

މީގެ ތެރެއިން ސޯލާ ޖަހައިގެން އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރަމުން އަންނަ ސަރުކާރުގެ ދެ ތަނަކީ އައްޑޫ ހައި ސްކޫލް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ގްރިޑާއި އިޔާދަ ކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓް ގުޅާލުމަށް ގަވާއިދެެއް ހަދަމުން އަންނަ ކަމަށެވެ. އަދި އެގަވާއިދު ފެބްރުއަރީ މަހު އާއްމު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުން އިޔާދަ ކުރުވަނިވި ހަކަތައަށް މިސްރާބް ޖެހީ ފެނަކައިން ކަރަންޓް ބިލު ބޮޑުކުރުމާއި ގުޅިގެން ކަރަންޓް ބިލަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެންނެވެ.