ކޮންމެ ޓިކެޓް އަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއް މިލިއަން ޑޮލަރު ވިއްކައިފިއެވެ.
ބޭންކް އިން ދެހަފްތާގެ ތެރޭގައި 2500 ދަތުރުވެރިންނަށް ޖުމްލަ އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދިން ކަމަށް ވަގުތު އޮންލައިން ނޫހުން ރިޕޯޓް ކުރެއެވެ.
އެގޮތުން ޑޮލަރު ވިއްކުމުގެ މި އާނިޒާމަކީ ފަސޭހަ ކަމާއިއެކު ބޭނުންކުރެވޭފަދަ ޚިދުމަތެއް ކަމަށާއި، އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް އެކަމަށް ލިބެމުންދާ ކަމަށްވެސް ބޭންކް އިން ވަނީ ފާހަގަ ކޮށްފައެވެ.
މިނިޒާމުގެ ބޭނުން ކުރެވޭނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގް އޮންނަ ފަރާތްތަކަށެވެ. އެގޮތުން ބީއެމްއެލްގެ އޮންލައިން ޕޯޓަލް ބޭނުން ކޮށްގެން ޑޮލަރު ގަތުމަށްޓަކައި ބުކިން ހެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އެއަށްފަހު އެއާޕޯޓްގެ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ބެހެއްޓިފައިވާ ބީއެމްއެލްއިން ޑޮލަރު ވިއްކުމަށް ޚާއްސަ ކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެއެވެ.
އޮންލައިންކޮށް ބުކިން ނެހެދޭނަމަ، ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ޑޮލަރު ގަތުމަށް ފައިސާ ދައްކައިގެން އެއާޕޯޓުން ޑޮލަރު ލިބޭނެއެވެ. ބީއެމްއެލް އިން މަޢުލޫމާތު ދޭގޮތުގައި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަބަދުވެސް އިސްކަން ދެވޭނެއެވެ.