Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ކިރު ބޭނުންކޮށްގެން އިންޑިއާގައި 80 މީހުން ބަލިވެއްޖެ

އިންޑިއާގެ އޮރެންގަބާދު އަވަށުގައި ރޭބީސް ބަލި ޖެހިފައިވާ ކުއްތާއެއް ދަތް އަޅާފައިވާ ގެރިއެއްގެ ކިރު ބޭނުން ކުރުމުގެ ސަބަބުން 80 ވަރަކަށް މީހުން ބަލިވެއްޖެ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމައްސަލަ މީހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ގިނަ އަދަދެއްގެ މީހުން ހޮޑުލުމާއި ބޯއެނބުރުމުގެ ޝަކުވާ ކުރަން ފެށުމުންނެވެ. އެމީހުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ބަލިމަޑިކަމުގެ ޝިކާރައަކަށްވި މީހުން ބޭނުން ކުރި ކިރު ނަގާފައިވާ ދެގެރިއެއް މިހާތަނަށް ހޯދާފައި ވެއެވެ. ސިއްޙަތާއި ޖަނަވާރުތަކާއި ބެހޭ ޑިޕާޓްމެންޓްގެ އޮފިސަރުން ހޯދާފައިވާ ގޮތުގައި އެގެރިތަކަކީ ރޭބީސް ޖެހިފައިވާ ކުއްތާތަކެއް ދަތް އަޅާފައިވާ ގެރިއެވެ. އަދި އެގެރިތަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އިންފެކްޝަން ޖެހިފައިވާ ކުއްތާތަކަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކުއްތާތައް މީހުން ގައިގަ ދަތް އެޅުންވެސް އެކަށީގެންވާ ކަމަށް އޮފިސަރުން ބުނެއެވެ. އެފަދަ ހާދިސާއެއް ހިނގުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.