އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ރޭލެއް ރޭލު ދަނގަޑުން ކައްސާލައިގެން ދިމާވި އެކްސިޑެންޓެއްގައި މަދުވެގެން 39 މީހުން މަރުވެ އިތުރު އެތައް މީހުންނަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ރޭލުގެ ނުވަ ބުރިއާއި އިންޖީނު ނައްޓާލާފައި ވަނީ ވިޒިއަނާގަރަމް އަވަށުގެ ކުނެރޫ ސްޓޭޝަން ކައިރިން ކަމަށް ޖޭޕީ މިޝްރާ މަޢުލޫމާތު ދެއެވެ.
އަދިވެސް ވަރަށް ގިނަ މީހުން ރޭލުގައި ތާށިވެފައި ތިބިއިރު، ސަލާމަތް ކުރުމުގައި އެހީވާ މީހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައި ނުވެއެވެ.
އެހާދިސާއާއި މެދު ވާހަކަ ދައްކަމުން މިޝްރާ ބުނީ އަނިޔާވި މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ނޭޝަނަލް ރެއިލްވޭގެ ތަރުޖަމާނު އަނީލް ސަކްސޭނާ ވިދާޅުވީ އިމާޖެންސީ ޓީމްތައް ވަނީ ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެހާދިސާ ހިނގާފައިވަނީ އެރޭލު ޖަގްދަލްޕޫރް އިން އޮޑިޝާ ސްޓޭޓްގެ ވެރިރަށް ބުބަނޭޝްވަރަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އިންޑިއާގައި ރޭލު އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ.
އިންޑިއާގެ އުތުރު އުއްތަރް ޕްރަދޭޝްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ރޭލު އެކްސިޑެންޓެއް ހިނގައި 140 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.