Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކުއްޖަކަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައަކީ ދޮގެއް

އައްޑޫ ސިޓީ، މީދޫ އަވަށުގައި ތުއްތުކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލަ ބަލަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަން އެނގިފައިވާ ކަމަށް އައްޑޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ބުނެފިއެވެ.

ހިތަދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ އޮފީހުގެ ސީނިއަރ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، އެފަދަ ޝަކުވާތަކެއް ހުށަހެޅުމާއި ގުޅިގެން ހަތަރު ފަހަރެއްގެ މަތިން އެ ފަރާތުން އެ ގެއަށް ޒިޔާރަތްކޮށް ކުއްޖާގެ ހާލަތު ބަލާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ، މިހާރު ވެސް ހަފްތާ އަކު އެއްފަހަރު އެ ތުއްތު ކުއްޖާގެ ހާލަތު މޮނީޓަރ ކުރަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް، އަނިޔާކުރާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

މީދޫގައި ތުއްތު ކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނެ ސޯޝަލް މީޑީޔާގައި ޕޯސްޓް ކުރި ފަރާތުން ވަނީ، ތުއްތު ކުއްޖެއްގެ ކަރުގައި ވަލެއް އައްސާފައި ހުރި ފޮޓޯ އެއް ވެސް އާއްމުކޮށްފައެވެ. އެހެން ނަމަވެސް އެ ފޮޓޯ އަކީ، 2015 ވަނަ އަހަރު މެއި މަހުގެ ތެރޭގައި ޑެއިލީ މެއިލް ނޫހުގައި، ޝާޢިއުކުރި ޚަބަރެއްގައި ހިމަނާފައިވާ ފޮޓޯ އެކެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މީދޫގެ ބައެއް ރައްޔިތުން ވަނީ ކުޑައްކުއްޖަކަށް އަނިޔާ ކުރާކަމަށް ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވޭ އަންހެން މީހާގެ ބައެއް މައުލޫމާތު ޙިއްސާކޮށްފައެވެ. އެހެން ނަމަވެސް އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އޮތްގޮތުން އެ ތަފްސީލް ހާމަކުރެވޭކަށް ނެތެވެ.

ޖެންޑާއިން ބުނީ މި ހާދިސާ އާއި ބެހޭ ރިޕޯޓް އެއިދާރާއަށް ލިބިފައިވާތާ ހަތަރު މަސްވެފައިވާ ކަމަށެވެ. އަދި އެދުވަހުންފެށިގެން އެކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިކަމަކީ އަންހެންމީހާ އާއި ޒާތީ ގޮތުން ދިމާ ކުރާ ބަޔަކު އެކަމުގެ ތެރެއަށް ކުއްޖާ ވައްދައިގެން ދައްކަމުންދާ ވާހަކައެއްކަން އެ އިދާރާއިން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އައްޑޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރާ ކަމަށް ބުނާ ވާހަކަ ޖެންޑާރ އިން ދޮގުކޮށްފައިވާއިރު، ވ.ރަކީދޫގައި 2015 އަހަރު އަނިޔާވެރިގޮތަކަށް މަރާލި އިބްތިހާލް އަށް ރައްކާތެރިކަން ދޭން އިހުމާލުވި ޖެންޑަރގެ ބައެއް މުވައްޒަފުންނާއި ފުލުހުންގެ މައްޗަށް ވެސް ޖިނާއީ ދައުވާ ވަނީ އުފުލާފައެވެ.