Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަނީ

އައްޑޫ ސިޓީ، މީދޫ އަވަށުގައި ކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ރީޖަނަލް ކޮމާންޑަރ ޖަމްޝީދް އަލީ ވިދާޅުވި ގޮތުގައި ތުއްތުކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ޖަމްޝީދު ވިދާޅުވި ގޮތުގައި، އެ މައްސަލަ މީގެ ކުރިން ވެސް ފުލުހުން ބަލާފައިވާ މައްސަލަ އެއް ކަމަށާއި އޭރު މައްސަލަ ބެލުމަށް ފަހު އެކަމާއި ގުޅޭ ގޮތުން ޖެންޑަރ މިނިސްޓްރީ އާއި މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.

މީދޫގައި ކުޑަކުއްޖަކަށް އަނިޔާކުރާ މައްސަލައެއްގައި ގިނަ ބަޔަކު ސޯޝަލް މީޑީޔާގައި ކަންބޮޑުވުން ފާޅުކުރަމުން ދާއިރު އައްޑޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުން ބުނެފައި ވަނީ، މިހާތަނަށް ބެލި ބެލުމުން ކުޑަކުއްޖަކަށް އަނިޔާކުރާ ކަމަށް ދެކެވޭ ވާހަކަ އަކީ، "ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަން އެނގިފައިވާ" ކަމަށެވެ.