Last Updated: June 26, 03:21
Friday, June 26, 2026
ވިޔަފާރި

ކަނޑިންމަ ރިސޯޓްގެ ފަހު އޯޕަންޑޭ މިއަދު

އަންނަ ފެބްރުއަރީ މަހު ދ. އަތޮޅުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަނޑިންމަ މޯލްޑިވްސް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ އޯޕަންޑޭގެ ފަހު ބުރު މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް އެބަދެއެވެ.

ކަނޑިންމަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސެސް މުހައްމަދު އާތިފް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ މިއަދަކީ އައްޑޫގައި އެ ރިސޯޓުގެ ފަރާތަކުން އޮޕަންޑޭ ކުރިއަށްގެންދާނެ އެންމެ ފަހު ދުވަސް ކަމަށެވެ.

އެހެންވެ އައްޑޫގެ ޒުވާނުންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް އެ ރިސޯޓުން ދައުވަތު އަރުވައެވެ.

އިއްޔެވެސް ކައުންސިލް އިދާރާގައި އޮޕަންޑޭގެ ހަރަކާތް ކުރިއަށް ގެންދިޔައެވެ. އާތިފް ވިދާޅުވީ މިއަދު ހަވީރު 5 ޖެހުމުގެ ކުރިން ކައުންސިލް އިދާރާގެ ހޯލަށް ވަޑައިގެން މައުލޫމާތު ހޯދުމަށް އެދޭކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލަށް ހުޅުވާ ރިސޯޓްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބާއްވާ މިފަދަ އޯޕަންޑޭތަކަށް އައްޑޫން ބޮޑު ތަރްހީބެއް ލިބެއެވެ.