Last Updated: June 26, 03:21
Thursday, June 25, 2026
ރިޕޯޓް

މިފެންނަނީ މިސަރުކާރަށް މެޖޯރިޓީ ދިނުމުގެ ނަތީޖާ!

ރިޔާސީ އިންތިޚާބުގައި އައްޑުއަތޮޅުން ރައީސް ޔާމީނަށް މެޖޯރިޓީ ވޯޓް ލިބުނު ހަމައެކަނި ރަށަކީ މީދޫއެވެ.
މީދޫގެ ގިނަ ބަޔަކު ރައީސް ޔާމީނަށް ވޯޓު ދެއްވީ ޔަގީނުންވެސް ރަށަށް ލިބޭނެ ކުރިއެރުމަށް ވިސްނާފަ އެވެ. އެހެންނަމަވެސް ސަރުކާރަށް ތިން އަހަރު ފާއިތުވެގެން ދިޔައިރު، އަދި އެކަން ވަނީ ފޫނެއްފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ.

ސަރުކާރަށް ތިން އަހަރު ފާއިތުވެގެން ދިޔައިރު، ސަރުކާރުން މީދުއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެތެރޭގައި ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކަކީ މީދޫއޮފީހުގައި ކުރަމުންދިޔަ ބައެއް މަސައްކަތްތައް ހުޅުދޫގައި އުފެއްދި އޮފީހަކަށް ބަދަލުކުރުމެވެ. އޭގެ ތެރޭގައި މީދޫ ބިމުން ގޯތިދިނުމުގެ ކަންތައްތަކާއި މީދޫގެ ގޯތިތަކުގެ ރަޖިސްޓްރީގެ ކަންތައްތަކާއި އަދި މީދޫ އޮފީހުގައި ކުރަމުންދިޔަ ޓްރާންސްޕޯޓް ސެކްޝަންގެ މަސައްކަތްތަކާއި އަދިވެސް އެހެނިހެން ބައެއް މަސައްކަތްތައް ހުުޅުދޫގައި އުފެއްދި އޮފީހަށް ބަދަލުކުރުމެވެ.

މިސަރުކާރަށް 3 އަހަރު ވެގެންދިޔައިރު މުސްކުޅި ސާރިދޯޅެއްގެ ސްޕީޑްގައި ކުރެވެމުންދާ މަގު ހެދުމުގެ މަސައްކަތައް ބަލާއިރު ހުޅުދޫ ދެތިން މަގެއް ގާއަތުރައިގެން ހަދާ ނިމުނުއިރު މީދޫގެ އެއްވެސް މަގެއްގެއް މަސައްކަތްވަނީ ނުފެށިއެވެ.

މީދޫގެ މަގެއްގެ މަސައްކަތެއް ނުކުރެވޭތާގައި ހުޅުދޫގައި މިހާރު ހަދަމުންދާ މަގަކީ ( ހުޅުދޫ އައްސޭރިވިލާގެ ދެކުނުންއޮތްމަގަކީ) ލިކެކިއުމުން މީދޫގެ މަގެއްކަމަށްނިންމާ އެމަގު ހަދަމުން ދަނީ މީދޫގެ މަގެއްގެ ގޮތުގައެވެ.

އަދި މީގެ އިތުރަށް މިސަރުކާރުން ރައްޔިތުންނަށް ދެއްކި އެންމެ ބޮޑު އެއް މަންޒަރަކީ "އިސްމެހެލާހެރަ" ރިސޯޓެއްގެ ގޮތުގައި ހެދުމާއިބެހޭގޮތުން ދެއްކި މަަންޒަރެވެ. މިމަންޒަރުގައި އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ހަދާނިމޭއިރު އޮންނާނެ ގޮތް ކަމަށްބުނެ ދެއްކި މޮޅު ވީޑިއޯ ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް އިސްމެހެލާ ހެރައިގެ އެއްވެސް މަސައްކަތެއް މިއަދާހަމައަށް ވަނީ ނުފެށިފައެވެ.

މީދޫގައި ބިޔަ ބޮޑު މިސްކިތެއް އިމާރާތްކުރުމަށްޓަކައި 2013 ،2014 ،2015 ގެ ބަޖެޓްގައި ހިމަނައިގެން މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި އަމިއްލަ މީހުންގެ ތަންތަނަށް ބަދަލުދީ ހެދުމަށްފަހު 2016 ވަނަ އަހަރުގެ ބަޖެޓްގައި އެމިސްކިތުގެ ވާހަކައެއްނެތެވެ. އަދި މިހާރު އެމިސްކިތައް ވީނުވީއެއް ނޭގެއެވެ.

މީދޫގެ ގިރާ ސަރަހައްދުގައި ރައީސް މައުމޫނުގެ ވެރިކަމުގައި ލެވިފައިވާ ތޮށިގަޑު ހަލާކުވެ އެސަރަހައްދު އާދަޔާއި ޚިލާފަށް ގިރަމުންދާއިރުވެސް ބޮޑު ހިލަޖަހައިގެން ހެދުމަށް ހަމަޖެއްސީ ހުޅުދޫގެ ގިރާ ސަރަހައްދެވެ.

މިކަންތައްތައް މިގޮތަށް ވަމުންދަނީ މީދޫގައި މަޖިލިސް ތަމްސީލު ކުރާނެ މެމްބަރަކު ނެތުމުންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ސަރުކާރު ހިންގާ ޕީޕީއެމްއާއި ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް މީދޫ ދާއިރާ ދިނުމަށްފަހު ސަރުކާރާ ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ "ނަންނެތް" އެކަމަކު ޕީޕީއެމްގެ ކެނޑިޑޭޓަކު މަރަދޫފޭދުން އަމިއްލަގޮތުން ވާދަކުރުވައި މީދޫ ދާއިރާގެ ވޯޓް ބައިބައިކޮށް މީދޫދާއިރާގެ ގޮޑި އެހެން ދިމާލަކަށް ފޮނުވާލީވެސް ސަރުކާރުން އަޑީގައި އޮވެކަމަށް ރައްޔިތުން މިއަދު ގަބޫލް ކުރެއެވެ.

އެހެންވެ މީދޫދާއިރާގައި ސަރުކާރު ތަމްސީލްކުރާ މެމްބަރަކު ނެތުމަކީ މީދޫގެ ރަށްޔިތުންނާއި މެދު ގަސްތުގައި މިފަދަ ނިކަމެތި ގޮތަކަށް އަމަލް ކުރުންތޯ ސުވާލު ކުރެވެއެވެ.

މިހާރު މިފެންނަމުންދަނީ ރިޔާސީ އިންތިޚާބްގައި އައްޑުއަތޮޅުން މިސަރުކާރަކަށް މެޖޯރިޓީ ދިނުމުގެ ނަތީޖާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.