Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހިތަދޫ ބަނދަރުގެ ބާޖް ހޭންޑްލާ އައްޑޫއަށް ގެނައުމުން ހޫނު މަރުހަބާއެއް ކިޔައިފި

މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ބާޖް ހޭންޑްލާ ހަލާކުވުމާއި ގުޅިގެން ބޭނުމަކަށް މާލެ ގެންދިޔަ އެޗްޕީއެލްގެ ބާޖް ހޭންޑްލާ އަނބުރާ އައްޑޫއަށް މިއަދު ގެނައުމުން އެކުންފުނީގެ ގިނަ މުވައްޒަފުން ގޮސް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެޗްޕީއެލްގެ ބާޖް ހޭންޑްލާ، ހިފައިގެން އައި ކޮޅުވެއްޓި ހިތަދޫ ބަނދަރާއި ގާތްކުރި ވަގުތު އެސަރަހައްދަށް އެޗްޕީއެލްގެ ގިނަ މުވައްޒަފުންތަކެއް ވަނީ "ޝުކުރިއްޔާ ޔާމީން" ޖަހާފައިވާ ބެނާ ހިފައިގެން ގޮސް ބާޖް ހޭންޑްލާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެޗްޕީއެލްގެ ބާޖް ހޭންޑްލާ މާލެ ގެންދިޔައީ މާލޭ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ބާޖް ހޭންޑްލާ ހަލާކުވުމާއި ގުޅިގެންނެވެ.

"އައްޑޫލައިވް" އާއި ވާހަަކަ ދެއްކި ބަނދަރުގެ މުވައްޒަފަކު ބުނީ އެތަނުގެ ވެރިންގެ އެދުމުގެ މަތިން މުވައްޒަފުން ދިޔައީ ކުރިންވެސް މިތަނުގައި އޮތް ބާޖް ހޭންޑްލާ އަލުން އައްޑޫއަށް ގެނައުމުން އެކަމުގެ އުފާ ފާޅު ކުރުމަށްކަމަށެވެ.

"އަޅުގަނޑުމެން ވެރިން ގާތު ދެންނެވިން މީ ކޮންކަމެއްތޯ. ވެރިން ވިދާޅުވީ ބާޖް ހޭންޑްލާރ ލިބުމުން ބަނދަރުގެ މަސައްކަތް ހަލުވިވެފައި އައްޑޫގެ ވިޔަފާރިވެރިންނަށް ކިހާ ފަސޭހަ ވާނެތޯ، މިއީ ސަރުކާރުން އައްޑުއަށް ދެއްވާ ހާއްސަ އިސްކަމޭ"

ބައެއް މުވައްޒަފުން މިކަމަކީ ޖޯކެއް ކަމަށް ދެކުނަސް ކުންފުނީގެ އިސްވެރިން ބުނީ މިއީ ކުޑަކަމެއް ނޫންކަމަށެވެ.

އެމްޕީއެލް އިން މިހާރު ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ބޭނުންވާ 10 ވެހިކަލެއް ގެނެސްފައެވެ.