ރާއްޖެ ޓީވީގެ ދެ ނޫސްވެރިންކަމަށްވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ މައްޗަށް އުފުލި ދައުވާ ސާބިތުވެ، ކޮންމެ ނޫސްވެރިއަކު 28،800 ދައްކަން ހުކުމްކޮށްފިއެވެ.
ލީވާން އާއި ވިސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 އަހަރު ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން އެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަނުގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
މި މައްސަލަ އެދެމީހުންގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ނިންމީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
ލީވާން އާއި ވިސާމް ކޮންމެ މީހެއް 28،800 ރުފިޔާއިން ޖުރިމަނާކޮށް އެއް މަސް ދުވަހުގެ ތެރޭގައި އެފައިސާ ކޯޓަށް ދެއްކުމަށް ވަނީ ހުުކުމްކޮށްފައެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ލީވާން އާއި ވިސާމްގެ ވަކީލް ހަސީން ވަނީ ވިދާޅުވެފައެވެ.