Last Updated: June 30, 21:19
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ލާ ލަ ލޭންޑް" އަށް އޮސްކާގެ 14 ނޮމިނޭޝަން

"ލާ ލަ ލޭންޑް"ގެ ލީޑްރޯލުން ފެނިގެންދާ ރަޔާން ގޯސްލިންގް އާއި އެމާ ސްޓޯން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކެޑެމީ އެވޯޑްސް ނުވަތަ އޮސްކާ އެވޯޑްއަށް އެންމެ ގިނައިން ނޯމިނޭޓްވި ފިލްމް އަކަށް "ލާ ލަ ލޭންޑް" ވެއްޖެއެވެ.

އެފިލްމް ވަނީ 14 ކެޓެގަރީ އަކުން ނޯމިނޭޓް ވެފައެވެ.

އެގޮތުން އެފިލްމްގެ ލީޑް ރޯލް އަދާކޮށްފައިވާ ރަޔާން ގޯސްލިންގް އާއި އެމާ ސްޓޯން ވަނީ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑް އަށް ނޯމިނޭޓް ވެފައެވެ.

އަދި އެންމެ މޮޅު ފިލްމް އަށް ނޯމިނޭޓްވި ނުވަ ފިލްމްގެ ތެރޭގައިވެސް "ލާ ލަ ލޭންޑް" ހިމެނެއެވެ.

ސައިންސް ފިކްޝަން ފިލްމެއް ކަމަށްވާ "އެރައިވަލް" އޮތީ އެންމެ ގިނައިން ނޯމިނޭޓްވި ފިލްމްތަކުގެ ލިސްޓުގެ ދެވަނައިގައެވެ. އެފިލްމް އާއި އެއްވަރަށް ފުރާވަރަށް އެރުމާއި ބެހޭގޮތުން ހަދާފައިވާ ފިލްމް "މޫންލައިޓް" ވެސް ވަނީ ނޯމިނޭޓް ވެފައެވެ.

"މޫންލައިޓް" ގެ އެކްޓްރެސް ކަމަށްވާ އިނގިރޭސިވިލާތުގެ ނައޯމީ ހެރިސް ވަނީ އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް އަކަށް ނޯމިނޭޓް ވެފައެވެ.

ޖޭމްސް ބޮންޑް ފިލްމްތަކުގައި 'މިސް މަނީޕެނީ'ގެ ރޯލް އަދާކޮށްފައިވާ ހެރިސް ބުނީ އޮސްކާއަށް ނޯމިނޭޓް ވުމުން އޭނާއަށް ލިބުނީ ވަރަށްވެސް ބޮޑު އުފަލެއް ކަމަށެވެ.

'ސްލަމްޑޯގް މިލިއަންއެއާ' އިން ފެނިގެން ދިޔަ ދޭވް ޕަޓޭލްވެސް ވަނީ އޭނާގެ ފިލްމް "ލަޔަން" ގައި ކުޅުނު ރޯލުގެ ސަބަބުން އެމް މޮޅު ސަޕޯޓިންގް އެކްޓަރުގެ ކެޓެގަރީ އިން ނޯމިނޭޓް ވެފައެވެ. މިއީ ދޭވް ޕަޓޭލް އޮސްކާ އެވޯޑަކަށް ނޯމިނޭޓްވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.

"ލާ ލަ ލޭންޑް" އަށް 14 ނޯމިނޭޝަން ލިބުމާއިއެކު އެފިލްމް ވަނީ "އޯލް އެބައުޓް ސްޓީވް" އާއި "ޓައިޓޭނިކް" އާއި އެކު އެންމެ ގިނަ އޮސްކާ ނޯމިނޭޝަން ލިބުނު ފިލްމަށް ވެގެން ގޮސްފައެވެ. "އޯލް އެބައުޓް ސްޓީވް" އަށް 1951 ވަނަ އަހަރު 14 އޮސްކާ ނޯމިނޭޝަން ލިބުނުއިރު، "ޓައިޓޭނިކް" އަށްވެސް ވަނީ 1998 ވަނަ އަހަރު 14 އޮސްކާ ނޯމިނޭޝަން ލިބިފައެވެ.

އެއާއިއެކު "ލާ ލަ ލޭންޑް" ވެފައިވަނީ އޮސްކާ އެވޯޑްސްގެ ތާރީޚުގައިވެސް އެންމެ ގިނަ ނޯމިނޭޝަން ލިބުނު މިއުޒިކަލް އަށް ވެފައެވެ.