Last Updated: June 30, 21:19
Tuesday, June 30, 2026
ރިޕޯޓް

ނޭޕާލްގެ ބިންހެލުމުން އެވަރެސްޓްގެ އުސްމިނަށް ބަދަލެއް އައިތަ؟

ފޮޓޯ؛ އޭއެފްޕީ

2015 ވަނަ އަހަރު ނޭޕާލް އަށް އައި ބިންހެލުމުގެ ސަބަބުން ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ދިގުމިނަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށްޓަކައި، އެފަރުބަދައިގެ ދިގުމިން އަލުން ބެލުމަށް ރާވާ ކަމަށް އިންޑިއާގެ ސަރުކާރުން ހާމަކޮށްފިއެވެ.

ސާވޭޔާ-ޖެނެރަލް ސްވަރްނާ ސުއްބާ ރާއޯ ވިދާޅުވީ ދެމަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް ޓީމެއް ފޮނުއްވާނެ ކަމަށެވެ.

އެހެންނަމަވެސް ނޭޕާލްގެ އޮފިޝަލުން ބީބީސީއަށް މަޢުލޫމާތު ދީފައިވާ ގޮތުން އިންޑިއާގެ ޓީމަކުން އެފަރުބަދައަށް ދިއުން ހުއްދަ ކުރާ އެއްވެސް އެއްބަސްވުމެއް ދެޤައުމު ދެމެދުގައި ވެފައި ނުވެއެވެ.

ސެޓެލައިޓް ޑޭޓާ އިން ދައްކާ ގޮތުގައި ނޭޕާލްއަށް އައި ބިންހެލުމުގެ ސަބަބުން ފަރުބަދައިގެ އެންމެ ކޮޅުން ވަނީ އިސްކޮޅު ކުރުވެފައެވެ.

އެފަރުބަދައިގެ ދިގުމިންކަމަށް އެންމެ ބޮޑަށް ޤަބޫލު ކުރެވޭ އަދަދަކީ 8،848 މީޓަރެވެ. އެއީ 29،028 ފޫޓެވެ. އެ އުސްމިން ބަލާފައި ވަނީ މީގެ 62 އަހަރު ކުރިން އިންޑިއާއިން ކުރި ސާވޭއަކުންނެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ނޭޕާލްއަށް އައި ބިންހެލުމުގެ ސަބަބުން ހިމާލަޔަސްގެ ވަނީ އެއް މީޓަރު ކުރުވެފައެވެ.

އަދި ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ ދިގުމިނަށް ބަދަލުވެފައި ވޭތޯ ބެލުމަށްޓަކައި ސާވޭއެއް ނުވަތަ ޖީޕީއެސް އެއް ބޭނުން ކުރަން ޖެހޭކަމަށްވެސް ސައިންސްވެރިން ބުނެއެވެ.