Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ބްރެޒިލްގައި ރީނދޫ ހުމުގެ މައްސަލަތައް އިތުރު ވެއްޖެ

ވެކްސިން ޖެހުމަށް ހޮސްޕިޓަލަށް ގޮސް ތިބި މީހުން - ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި އެޤައުމުގައި ރީނދޫ ހުމުގެ މައްސަލަތަށް ފާހަގަ ކުރެވޭ މިންވަރަކަށް އިތުރު ވެއްޖެއެވެ.

2016 ވަނަ އަހަރު ރީނދޫ ހުން ޖެހިގެން ހަތް މީހަކު ރިޕޯޓް ކުރެވިފައި ވާއިރު، މިއަހަރުގެ މިހާތަނަށް ވަނީ ރީނދޫ ހުމުގެ 63 މައްސަލަ ކަށަވަރު ކުރެވިފައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ވާގޮތުން ގިނަ މައްސަލަތައް ރިޕޯޓް ކުރެވިފައި ވަނީ އެޤައުމުގެ މިނާސް ގެރައިސް ސްޓޭޓްގެ ސަރަޙައްދު ތަކުންނެވެ.

އެޤައުމުގެ ސަރުކާރުން ވަނީ އެސްޓޭޓް އަށް ރީނދޫ ހުމުގެ ވެކްސިންގެ ދެ މިލިއަން ޑޯޒް ފޮނުވާފައެވެ.

އަދި އެސްޓޭޓްގެ ގަވަރުނަރު ވަނީ 180 ދުވަހުގެ މުއްދަތަކަށް ކުއްލި ޙާލަތުވެސް އިއުލާން ކޮށްފައެވެ.

ކަށަވަރު ވެފައިވާ 63 މައްސަލައިގެ ތެރެއިން 35 މައްސަލައިގައި މީހުން މަރުވެފައިވާ ކަމަށްވެސް ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެބަލީގައި މީހުން މަރުވި އެންމެ ގިނަ ފަހަރެވެ.

ރީނދޫ ހުމުގެ މައްސަލަތައް ވަނީ ބްރެޒިލްގެ އެހެނިހެން ހިސާބުތަކުންވެސް ރިޕޯޓް ކުރެވިފައެވެ.

އަދި އެހުން އެހާބޮޑަށް ފެތުރިފައިވާ ސަބަބަކީ ކޮބައިކަން އެނގިފައި ނުވެއެވެ.