އައްޑޫގެ މަގުތައް ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީއަށް ނެހެދޭ ކަން މިއޮތީ ހާމަކޮށް ފެންނާށެވެ. މަގު ބެލެހެއްޓުން އައްޑޫ ސިޓީ ކައުންސިލުން ވަކި ކުރީ ކައުންސިލަށް އެކަން ނުކުރެވޭ ކަމަށް ބުނެއެވެ.
ހައުސިން މިނިސްޓްރީން އައްޑޫގައި އޮފީހެއް ހަދައި އެތަނަށް މުވައްޒަފުންނާއި ވަސީލަތްތައް ގެނައި ނަމަވެސް މަގު އެކަށީގެންވާ ފެންވަރަަކަށް ނެހެދެއެވެ.
ހައުސިން މިނިސްޓްރީންވެސް މަގުހަދަން އެދެން ޖެހެނީ ކައުންސިލުން ވެސް އެދުނު އެމްއާރްޑީސީ އާއިއެވެ. އެއީ ދައުލަތުން ވިޔަފާރި އުސޫލުން މަގު ހަދައި މަރާމާތު ކުރުމަށް އުފައްދާފައިވާ ކުންފުނިއެވެ. އެކުންފުނީގައި މަގު ހެދުމަށް ބޭނުންވާ ސާމާން ބަރާބަރަށް އެބަހުއްޓެވެ. ވެހިކަލާއި މެޝިނަރީޒް ކުންފުނީގައި ހުރެ އަދިވެސް މަގު ހެދުމަށް ދައްކަނީ ބަހަނާއެވެ.

އައްޑޫއަކީ މާލެ ފިޔަވައި އެންމެ ގިނަ ދުއްވާ އެއްޗެެހި ދުއްވާ ތަނެވެ. މިތަނުގެ އާބާދީ އަކީ ހަމަ އެގޮތަށް މާލެ ނަގައި އެންމެ ބޮޑު އާބާދީއެވެ. އައްޑޫގެ މަގު ނެހެދި އޮތުމުން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ އިރު މަގު ނެހެދި އޮތުމުން އެކަމާއި ހެދި ރައްޔިތުންގެ ނުރުހުން އަމާޒު ވަނީ އަދުގެ ސަރުކާރަށެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންއަށެވެ.
ހަގީގަތަކީ އައްޑޫގެ މަގު ރަނގަޅު ފެންވަރަކަށް ބެލެހެއްޓޭނެ ނިޒާމް ސަރުކާރުން ފަހިކޮށްފައި އޮތަސް އެކަމާއި ހަވާލުވެތިބި ވެރިންނަށް އެކަން ނުކުރެވުމެވެ. މަގާމުގެ ޒިއްމާ ބަރާބަރަށް އަދާ ނުކުރެވުމެވެ. ޒިއްމާއިން ރެކެން މަސައްކަތް ކުރުމެވެ.
މިސާލަކަށް ބަލަމާ ހިނގާށެވެ. ހިތަދޫ ބޮޑު މަގުގައި ހަދާފައިވާ ކާނުތަކުގެ މަތިތައް ހަލާކުވެފައިވާތާ އެތައް ދުވަހެއް ވީއެވެ. އެމްއާރްޑީސީއަށް ހައުސިން މިނިސްޓްރީން އެތައް ސިޓީއަކުން އެތަންތަނަށް ބޭނުންވާ މަތިގަނޑު ހަދަން އެދިއްޖެއެވެ. އަދިވެސް އެކަމެއް ނުކުރެވެއެވެ.
އެމްއާރްޑީސީގެ ހިތަދޫ ސައިޓްގައި މަތިގަނޑު ހަދަން ބޭނުންވާ ސާމާން ހަމައަށް އެބަހުއްޓެވެ. މުވައްޒަފުން އެބަތިއްބެވެ. އެތަކެތި އުފުލާނެ ވެހިކަލް އެބަހުއްޓެވެ. މި މަސައްކަތް ނިންމުމަށް ނެތީ ކޮން ސާމާނެއްތޯއެވެ. ހަގީގަތަކީ ނެތީ އެންމެ އެއްޗެކެވެ. އެއީ ރައްޔިތުންނަށް އިހްލާސްތެރިވެ މަގާމުގެ ޒިއްމާ އަދާކުރުމުގެ ގާބިލްކަމެވެ.
އައްޑޫގެ ވަކި ރަށްތަކަށް ބަލާއިރު މީދޫގެ މަގުތަކުގައި ވަނީ ބޮޑެތި ވަޅުގަނޑުތައް ހެދި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވަނީ ބޮޑު ތަކްލީފަކާއި ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް ހުޅުމީދޫގެ ބޮޑު މަގުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާއެވެ.
ހިތަދޫގެ ބައެއް މަގުތަކުންވެސް ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށް ދަތުރުކުރެވޭ ވަރެއް ނޫނެވެ. ބައެއް މަގުތައް ނަހަދާތާ އަހަރު ދުވަސް ވަނީއެވެ. ހިތަދޫ ބޮޑުމަގުގެ ހިތަދޫ ސްކޫލުން ފެށިގެން އީދިގަލި ކިޅި އާއި ހަމައަށް އޮތް މަގުތަކާއި އޮޑައްސަލު ސަރަހައްދުގެ މަގުތަކުގައި ވަނީ ފުންވަޅުގަނޑު ހެދިފައެވެ. ހިތަދޫ ދެކުނުގެ ސަރައްހަދުގެ މަގުތަކުގެ ހާލަކީވެސް މިއެވެ.
ހަގީގަތަކީ މިއަދުގެ ސަރުކާރުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓަނީ މިފަދަ މުވައްސަސާތަކުގެ ވެރިންނެވެ. އެމީހުންގެ ޒިއްމާ ބަރާބަރަށް އަދާކުރާނަމަ ރައްޔިތުންގެ ބޭނުންތައް ދާނީ ފުދެމުންނެވެ. ރައްޔިތުންގެ ހުރިހާވެސް ޝަކުވާ އަކީ އެމީހުން ދައުލަތަށް ދޭ ޓެކްސް ފައިސާއިން މިކަންކަން ބަރާބަރަށް ނުކުރެވި އޮތުމުގެ ޝަކުވާއެވެ.