Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހައްޖު ފައިސާ މިހާރު އޮންލައިންކޮށް ދެއްކޭނެ

ހައްޖު ކޯޕަރޭޝަން އިން 'ފަހެލި' ނަމަކަށް ކިޔާ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ހައްޖާއި އުމްރާއަށް ދާން އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމު ތަނަވަސްކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވުނު ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒިޔާދެވެ. ހައްޖު ކޯޕަރޭޝަންގެ ހުރިހާ ހިދުމަތްތަކެއް މިޕޯޓަލް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވެފައިވަނީ ހައްޖާއި އުމްރާއަށް ދިއުމަށް މީހުން ވަރަށް ގިނަ ތަކުލީފު މާޒީގައި އުފުއްލަން ޖެހިފައިވެއެވެ. ނަމަވެސް މި ޕޯޓަލްގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

މިއަދު އިފްތިތާހު ކުރެވުނު 'ފަހެލި' ޕޯޓަލް އިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އޮންލައިންކޮށް ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކުން، އެކައުންޓުތަކުގެ ތަފްސީލު ބެލުން، ކޯޓާ ލިބި ޖާގައިގެ ތަރުތީބަށް އަންނަ ބަދަލުތައް ދަނެގަތުން، ހައްޖު އަދި އުމްރާ ދަތުރުތަކަށް ފައިސާ ދެއްކުމުގެ އިތުރުން އަގީގާ އަދި ސޮދަގާތުގެ ކަތިލުންތަކަށްވެސް ފައިސާ ދެއްކޭނެއެވެ.

މިހަފްލާގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަން އިިން މިކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.