ސ. ފޭދޫން މީހަކާ އިނދެގެން އުޅޭ މަލީޝާ ޙައްޖު ގްރޫޕް އެންޑް ޢުމްރާ ސަވިސަސްގެ ވެރިޔާ އިސްމާޢީލް ޢަބްދުއް ލަތީފްގެ މިދިޔަ އަހަރު ޙައްޖަށް މީހުން ގެންގޮސް ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގަފާއިވާ މައްސަލައިގެ ތަހުގީގު ނިންމައި ލަތީފްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމައި ހުޅުމާލެ އާފިނިވިލާ އިސްމާޢީލް ޢަބްދުލްލަތީފްގެ މައްޗަށް ދައުވާ ކުރުމަށް އެދި މިދިޔަ މަހުގެ 28 ވަނަ ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލަ އާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ސަތީޙް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އިސްމާޢީލް ޢަބްދުއްލަތީފް (ފޮޓޯގައި) ހޯދަން ބެލި އިރު އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ރާއްޖެން ބޭރަށް ފުރައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ސަތީޙް ވިދާޅުވި އެވެ.
މިހެންވެ އިސްމާޢީލް ޢަބްދުއްލަތީފް ހޯދައި ހައްޔަރު ކުރުމަށް ކޯޓުން އަމުރެއް ހޯދައި، އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުން ރިކުއެސްޓްކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ވިދާޅުވަމުން ސަތީޙް ވިދާޅުވީ މިގޮތުން ކުރެވުނު މަސައްކަތުން މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން ކުރި ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަންތައްތައް ހިއްސާ ކުރައްވަމުން ސަތީޙް ވިދާޅުވީ މަލީޝާ ހައްޖު ގްރޫޕުގެ ފަރާތުން 126 މީހެއްގެ އަތުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ފައިސާތައް ބޭނުންކޮށްފައި ވަނީ ކުރީ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ ހޮޓާތަކަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމަށާއި ޝްރީލަންކާ މަގުން ހައްޖަށް މީހުން ގެންދިޔުމަށްޓަކައި ކޯޓާ ހޯދުމުގެ އިތުރުން އަމިއްލަ ބޭނުންތަކަށެވެ.ސ.