Last Updated: June 27, 20:02
Saturday, June 27, 2026
ސިޔާސީ

"ސުޕަ މެޖޯރިޓީ ސަރުކާރު ކޯލިޝަނުން ހޯދާނެ"

ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް: ފޮޯޓޯ - މިހާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމްގެ ސަރުކާރު ކޯލިޝަނުން ހޯދާނެ ކަމުގެ ޔަގީންކަން ޕާޓީގެ ރައީސް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް އަރުވައިފިއެވެ.

މިއަދު ރައީސް ޔާމީން ފެކްޝަނުން ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުގެ މަގާމުވެސް ފުރުއްވަމުން އަންނަ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ﷲ ގެ އިރާދަފުޅާއެކު ވަރަށް ޔަގީން ކަމާއެކު ކުރިއަށް އޮތް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނާއި އެމްޑީއޭ އަދި ޑީއާރުޕީ އިން ހޯދާނެ ކަމަށެވެ.

އިންތިޚާބުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ހަލީލް ވިދާޅުވެފައިވާއިރު އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުމުގެ މަސައްކަތް ފަށާފައެވެ.

އަދި އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޮނިގަނޑެއްވެސް ކަނޑައަޅައި ކެމްޕޭން މެނޭޖަރުންވެސް ޕީޕީއެމް އިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ކަނޑައަޅާފައިވަނީ ޓޫރިޒަމް މިނިސްޓަރު، މުހައްމަދު ނިމާލެވެ. ޑެޕިއުޓީ މެނޭޖަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިންތިޚާބު ކޮމިޓީގެ ރައީސް މުހައްމަދު ރާބިތެވެ.

މީގެ އިތުރުން އަންނަ މަހު ބޮޑު ޖަލްސާއެއް ބާއްވައި ކެންޑިޑޭޓުންނާއި ޓިކެޓު ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުން ހޮވުމަށް ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ޕާޓީއިން އަންނަނީ ތައްޔާރުވަމުންނެވެ.