ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގެ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރަކަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިމާލް ހަމަޖައްސަވައިފިއެވެ.
ކައުންސިލް އިންތިހާބާއި ގުޅިގެން ޕީޕީއެމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ މުޅި ރާއްޖޭގައި ހިންގާ ކެމްޕެއިންތައް ކުރިއަށް ގެންދާނީ ނިމާލްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
ހަލީލް ވިދާޅުވީ ނިމާލްގެ ދަށުން ޑެޕިއުޓީ މެނޭޖަރު ގޮތުގައި ހަމަޖައްސާފައިވަނީ ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ރައީސް މުހައްމަދު ރާބިހު ކަމަށެވެ.
ނިމާލް ވިދާޅުވީ ޕާޓީގެ ޕްރައިމަރީ މިމަހުގެ 27 ގައި ނިމުނުން ކެމްޕެއިން ފަށައިގަންނާނެ ކަމަށާއި، އިންތިހާބް ކާމިޔާބް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. ނިމާލް އަކީ ޕީޕީއެމްގައި ހީވާގި ކަމާއި އެކު މަސައްކަތް ކުރައްވާ އެއްބޭފުޅެވެ.
ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ގަންނަން ދޫކުރި 17 މިލިއަން ރުފިޔާ ދޫކުރިއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ނިމާލްއެވެ. ނިމާލް މަގާމުން ވަކިކޮށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރެއްވީ 17 މިލިއަންގެ ފައިސާގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.