Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ފަސް މަހުގައި ވިހޭ ކުއްޖާ ވަޅުލި ކަމަށް އިއުތިރާފުވެއްޖެ

ސ. މަރަދޫފޭދޫގެ އަތިރިމަތީގައި ކޮތަޅަކަށް ލާފައި ވަޅުލާފައި އޮއްވައި ޑިސެމްބަރު 14، 2012 ގައި ފެނުނު ކުއްޖަކީ އެ ކުއްޖާގެ މައިންބަފައިން ކުއްޖަކު ހޯދުމުގެ ވިސްނުން އެ ވަގުތު ނެތުމުންނާއި ފައިސާގެ ދަތިތަކެއް އުޅޭތީ އެބޯޓްކޮށްލި ކުއްޖެއް ކަމަށާއި ކުއްޖާ ވަޅުލި ކަމަށް ތަހުގީގުގައި އެ ކުއްޖާގެ މައިން ބަފައިން އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފަސް މަހުގައި ވިހާފައި ވަޅުލި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރި ކަމަށް ނަރުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ޗެކް ކުރި އިރު އެ ކުއްޖާގެ ފުރާނަ ނެތް ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ ސ. މަރަދޫފޭދޫ، ފިނިފެންމާގެ، އިބްރާހީމް ވިޝާމް، 26، އަދި ހަމަ އެ ރަށު އާމިނަތު ޝަހީ އާލާ އެވެ. ފުލުހުން ބުނީ މި އެ މީހުންގެ ކުށުގެ އެއްވެސް ރެކޯޑެއް ކުރިން ނެތް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ބަރުދަނުގައި 22 ގްރާމް އަދި އިސްކޮޅުގައި ހަތް އިންޗި ހުރި އެ ކުއްޖާ ފެނުނީ އެ ރަށު އަތިރިމައްޗަށް ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު މަޑިދަށުން އެއްޗެއް ނަގައި ވަޅުލި މަންޒަރު ބަޔަކަށް ފެނިގެން ފުލުހުންނަށް އެ ރޭ ރިޕޯޓު ކުރުމުންނެވެ.

މި މައްސަލަ އާ ގުޅިގެން އެ ކުއްޖާގެ މަންމަ އާއި ބައްޕަ ހައްޔަރު ކުރުމުން އެ ކަމަށް އެއްބަސްވެފައިވާ ކަމަށާއި ކުއްޖާ އެބޯޓްކުރުމަށް މަންމަ ބޭސް ކެއި ކަމަށް ވެސް އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ދެ މީހުންގެ އިތުރު ކުއްޖަކު ނުހުންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށެވެ.