Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ދެވަނަ ލެގު އެއްވަރުވެ ރިއަލް ކޮޕަ ޑެލްރޭ އިން ކަޓައިފި

ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރިއަލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، އެގްރިގޭޓު ނަތީޖާ 3-4 އިން ބަލިވެ ރިއަލް މުބާރާތުން ކަޓައިފިއެވެ.

ފުލުފުލުގައި އަނިޔާގެ މައްސަލަ ދިމާވެފައިވާ ޒިދާންގެ ޓީމު ވަނީ ސެވީއާ އަތުން 1-2 އިން ބަލިވުމުގެ ކުރިން 40 މެޗު ބަލި ނުވެ ކުޅެފައެވެ. ސެވީއާގެ ބައްޔަށް ފަހު ކޮޕަ ޑެލްރޭގެ ކުއާޓާގެ ފުރަތަމަ ލެގުގައި ސެލްޓަ ވީގޯ އަތުންވެސް ބަލިވެފައިވަނީ ހަމަ އެ ސްކޯ އިންނެވެ.

ރޭގެ މެޗު އަނިޔާގެ ސަބަބުން ނުކުޅެވުނު ކުޅުންތެރިންނަށް ބަލާއިރު ބޭލް، ހަމޭސް، ޕެޕޭ، ކަރްވަހާލް އަދި ޕެޕޭގެ އިތުރުން ރަފައެލް ވަރާން ހިމެނެއެވެ.

މެޗުގެ ފުރަތަމަ ގޯލު 44 ވަނަ މިނެޓުގައި ސެލްޓަ ވީގޯ އަށް ކާމިޔާބު ކުރެވުނީ ރިއަލްގެ ޑެނީލޯ އަތުން ބައިކޮޅަށް ވަން ގޯލެއްގެ ސަބަބުނެވެ. ނަމަވެސް ރިއަލް އިން ވަނީ ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ރިއަލްގެ މިގޯލު ރޮނާލްޑޯ ޖަހާފައިވާއިރު ސެލްޓަ ވީގޯ އިން ވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އިތުރު ގޯލަކާއެކު ރިއަލްގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލާފައެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ލޫކަސް ވަސްކޭޒް ވަނީ ރިއަލްއަށް 10 ދުވަހުގެ ތެރޭގައި ތިން ވަނަ ބައްޔާއި ކުރިމަތިލުމުން ސަލާމަތްކޮށްދީ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. ނަމަވެސް އޭނާގެ ގޯލުން ރިއަލްގެ ޓްރެބްލް އުއްމީދުތައް ސަލާމަތް ކުރެވިފައިނުވެއެވެ.

ރޭގެ މެޗުގައި އެތްލެޓިކޯ މެޑްރިޑް އަދި އެއިބާ ބައްދަލުކުރި މެޗުވެސް 2-2 އިން ވަނީ އެއްވަރު ވެފައެވެ. ނަމަވެސް ފުރަތަމަ 0-3 އިން އެތްލެޓިކޯ ކާމިޔާބުކޮށް އެގްރިގޭޓުން 2-5 އިން މޮޅެވެ އެތްލެޓިކޯ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.