ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޖެޓް ފިއުލް ހުސްވެ އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރެލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ ގަން އެއާޕޯޓުން ޖެޓް ފިއުލް ހުސްވުމުން އެތަނަށް އޮޕަރޭޓް ކުރާ އެއާލައިންތަކަށް "އެހެން ގޮތެއް" ހޯދުމަށް އަންގާފައިވާ ކަމަށެވެ.
އިބްތިޝާމާ ވިދާޅުވި ގޮތުގައި އެއާޕޯޓުން ޖެޓް ފިއުލް ހުސްވީ، ޖެޓް ފިއުލް ޝިޕްމެންޓެއް ލިބުން ޑިލޭ ވެގެން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އިބްތިޝާމާ ނުދެއްވައެވެ.
ޖެޓް ފިއުލް ހުސްވީ، ޝިޕްމަންޓެއް ލިބުން ލަސްވެގެން. ޖެޓް ފިއުލް ޝިޕްމެންޓް ލިބެން ހަފްތާއެއް ނަގާނެ
އިބްތިޝާމާ ވިދާޅުވި ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހޯދައިގެން ގެންނަ ޖެޓް ފިއުލް ޝިޕްމެންޓެއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ އިތުރުން އިންޓަނޭޝަނަލް ދެ އެއާލައިން ކަމުގައިވާ ސްރީލަންކަން އާއި ޑެނިޝް އެއާވެއިސް އިން ވެސް މިވަގުތު ދަތުރު ކުރާއިރު، އެ އެއާލައިންތަކުން ވެސް ވަނީ ޖެޓް ފިއުލް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފަހުން އައްޑޫ އަށް އައި ޑެނިޝް އެއާވޭސްގެ ޗާޓަރ ފްލައިޓް އަބޫދާބީ އަށް ދިއުމުގެ ކުރިން ފްލައިޓް ރީފިއުލް ކުރުމަށް ދާން ޖެހުނީ، މާލެ އަށެވެ.