Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ހަލް އަތުން ބަލިވެ ޔުނައިޓެޑުގެ ސްޓްރީކް ގެއްލިއްޖެ

އިނގިރޭސި ލީގު ކަޕުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ހަލް ސިޓީ ބައްދަލުކުރި މެޗުން ޔުނައިޓެޑު 1-2 އިން ބަލިވެ 17 މެޗު ބަލިނުވެ ކުރިއަށްދިޔަ ސްޓްރީކް ގެއްލިއްޖެއެވެ.

ރޭ މެޗުން ޔުނައިޓެޑް ބަލިވި ނަމަވެސް އެގްރިގޭޓު ނަތީޖާ 2-3 އިން މޮޅުވެ ޔުނައިޓެޑު ވަނީ ލީގު ކަޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މުޅި މެޗުގައިވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ ޔުނައިޓެޑު ޓީމުގެ ފަރާތުން ރޭގައި ދެއްކި ކުޅުމަކީ މި ސީޒަނުގައިވެސް އެޓީމުގެ ފަރާތުން ފެނުނު އެންމެ އާދައިގެ ކުޅުމެވެ.

ހަލް ސިޓީއިން މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑު ކުޅުންތެރިޔެއްގެ ފަރާތުން ގޯހެއް ފެނިފައިނުވި ނަމަވެސް ރެފްރީ ޖޯން މޮސް ވަނީ ޕެނަލްޓީއެއް ކަމަށް ނިންމާފައެވެ. ޕެނަލްޓީ ހަލް އަށް ކާމިޔާބުކޮށްދީފައިވަނީ ޓޮމް ހިޑްލްސްޓަންއެވެ.

މެޗުގެ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ޕައުލް ޕޮގްބާއެވެ. ނަމަވެސް މެޗު ނިމެން ކައިރި ވެފައިވަނިކޮށް ހަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައިވަނީ ނިއާސްއެވެ.

މެޗަށް ފަހު ޔުނައިޓެޑު ކޯޗު މޮރީނިއޯ ބުނެފައިވަނީ މެޗުން ޔުނައިޓެޑު ބަލިވި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ޔުނައިޓެޑު މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ސައުތްހެމްޓަންއާއި ދެކޮޅަށެވެ.