Last Updated: June 26, 03:21
Thursday, June 25, 2026

ގްރޫޕް މާރާމާރީ ހިންގި ބަޔަކު ހޯދަން ދުއްވަނިކޮށް ފުލުހުންގެ ދެ ވެހިކަލް ޖެހިއްޖެ

ގދ. ފަރެސް މާތޮޑާގެ ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއަކާއި ގުޅިގެން ބަޔަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރި ފުލުހުންގެ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ފުލުހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހެނދުނު 10:30 ހާއިރު ހިނގި މިހާދިސާގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސްފައިވާއިރު ދެވަނަ ފުލުސް މީހާއަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. ފަރެސް މާތޮޑާގައި ފުލުހުން ދުއްވި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ފުލުހުންނަށް ގދ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެދެމީހުންގެ ހާލުވެސް "ސްޓޭބްލް"ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގދ. ފަރެސް މާތޮޑާ ކައުންސިލްގެ ރައީސް ވިދާޅުވީ ރޭ ގދ. ފަރެސް އާއި މާތޮޑާގެ ޒުވާނުންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވަނީ ދަންވަރު ގަޑީގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުގެ ތެރޭގައި އެއް އަވަށު އަނެއް އަވަށުގެ ޒުވާނުންނަށް ލަނޑުދޭން ދަމާފައިވާ ވަލެއް ކަހަލަ އެއްޗެއްގައި ފަރެސްގެ ކުއްޖަކު އަޅައިގެގެން ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

މި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން އިތުރު ފުލުހުން ފަރެސް މާތޮޑާއަށް އައިސް މާރާމާރީ އާއި ގުޅުން ހުރި މީހުން މިހާރު ގެންދަނީ ހޯދަމުންނެވެ.