Last Updated: June 26, 03:21
Thursday, June 25, 2026
ސިޔާސީ

ޕީޕީއެމް ޕްރައިމަރީ ކުރިއަށް ގެންދަނީ އުސޫލާއި ހިލާފަށް: ޔުމްނާ

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީޕީއެމް ޓިކެޓް ދިނުމަށް މިއަދު ކުރިއަށް ގެންދާ ޕްރައިމަރީ އަކީ ޕާޓީގެ ގަވާއިދު ތަކާއި އުސޫލް ތަކާއި ހިލާފަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދެފަޅިވެފައިވާ ޕީޕީއެމްގެ ޔާމީން ފެކްޝަނުގެ ފަރާތުން ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ދަރުބާރުގެ އަދި ހުޅުމާލޭ ޕީޕީއެމް ޖަގަހައިގައި މިއަދު ހަވީރު 6 ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ނައިބު މުގައްރިރު ޝަޒައިލް ޝިޔާމް ވިދާޅުވީ، ޕްރައިމަރީއަކަށް ދާންޖެހިފައިވާ ދާއިރާތަކުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު މާދަމާވެސް ދެ އަތޮޅެއްގެ ޕްރައިމަރީ އޮންނާނެ ކަމަށެވެ. އެގޮތުން މާދަމާ އޮންނާނީ މ. އަތޮޅު މުލަކާއި އެ އަތޮޅު މުލީގެ ޕްރައިމަރީއެވެ.

ޕީޕީއެމްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ދެ ކެންޑިޑޭޓަކު ކުރިމަތިލި ނަމަވެސް ޕޮއިންޓު މަދުން ލިބިގެން އެދާއިރާއަށް ކުރިމަތިލި ހިތަދޫ ޖަބްރޯލްމާގެ، ހައްސާން ރަޝީދު ވަނީ ޕްރައިމަރީން ބާކީވެފައެވެ. އެހެންވެ އައްޑޫގެ އެއްވެސް ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް ވިދާޅުވީ މެޖޯރިޓީ ކައުންސިލްތަކަށް ކުރިމަތިލާފައި ވަނީ ޕްރައިމަރީއެއް ބާއްވަން ނުޖެހޭ އަދަދަށް ކަމަށާއި 273 ދާއިރާގެ ތެރެއިން ޕްރައިމަރީ ބާއްވަނީ 64 ދާއިރާގައި ކަމަށެވެ.