ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން އެއްބަސްވި އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ފްރެންޗައިޒް ކަމަށްވާ މޯލްޑިވިއަން އައިޑޯލްގެ ކާމިޔާބު ފުރަތަމަ ސީޒަން މިދިޔަ އަހަރު ނިންމުމަށްފަހު، އެޝޯގެ ދެވަނަ ސީޒަން ރޭ ޕްރިމިއާ ކޮށްފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މިޝޯގެ ޕްރިމިއާ ކުރިއަށް ގެންދަނީ ޝްވެކް ސިނެމާގައެވެ. ރޭގެ ޝޯގެ ޝަރަފްވެރި މެހުމާނަކަށް ހުންނެވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
މޯލްޑިވިއަން އައިޑޯލްގެ ދެ އެޕިސޯޑެއް ކޮންމެ ހަފްތާއަކު ދައްކަން ހަމަޖެހިފައި ވާއިރު، އެ އެޕިސޯޑްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ޕްރިމިއާ ނައިޓްގައި ދައްކާފައިވަނީ އޮޑިޝަންތަކުގެ ފުރަތަމަ އެޕިސޯޑް ކަމަށް ވީއިރު، ކުރީ އަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް ތިން ފަނޑިޔާރުން ތިއްބެވެ. އެއީ މިދިޔަ ސީޒަންގެ ޖަޖުން ކަމަށްވާ ކުޑަ އިއްބެ އާއި އުނޫޝާގެ އިތުރުން ޝޯ އަށް އާ ޖަޖެއް ކަމަށްވާ އައްފާން އެވެ.
މޯލްޑިވިއަން އައިޑޯލްގެ އޮޑިޝަންތައް ބާއްވާފައި ވަނީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށި ހިމެނޭ ގޮތަށް ރާއްޖޭގެ ފަސް ސަރަޙައްދެއްގައެވެ. އޮޑިޝަންތަކުން ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑް އަށް ހޮވުނީ އެންމެ 43 ބައިވެރިންނެވެ.
ތިއޭޓާ ރައުންޑްގެ ފުރަތަމަ ބައިން އޭގެ ތެރެއިން 19 ބައިވެރިން މުބާރާތުން އެލިމިނޭޓް ކުރެވޭނެއެވެ. އަދި ދެވަނަ ބައިގައި ބާކީތިބޭ 24 ބައިވެރިންގެ ތެރެއިން އަށް ބައިވެރިން އެލިމިނޭޓް ވެގެން ދާނެއެވެ.
މިފަހަރުގެ ސީޒަންގެ ޓައިޓްލް ސްޕޮންސާއަކީ މިދިޔަ ސީޒަންގެވެސް ޓައިޓްލް ސްޕޮންސާ ކަމަށްވާ ދިރާގެވެ. އަދި މެއިން ސްޕޮންސާ އިންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސް، ލޮޓަސް، އެސްޓީއޯ އަދި ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އެވެ. މޯލްޑިވިއަން އައިޑޯލްގެ ރަސްމީ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.