Last Updated: June 26, 03:21
Thursday, June 25, 2026
ސިޔާސީ

ނާޒިމް ދޫކޮށްލަން ގޮވާލުމަކީ ޒިއްމާދާރުކަން ކުޑަކަމެއް: ޝައިނީ

އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަކީ ރާއްޖޭގެ ގާނޫން އަސާސީއަށް ވުރެ މަތިން ބަސްކިޔޭނެ ބައެއް ނޫންކަމަށާއި، ރާއްޖޭގައި ކަންކުރާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި އެއްގޮތައްކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ދޫކޮށްލުމަށް އދ. ވޯކިން ގްރޫޕުން ގޮވާލި ގޮވާލުމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ރައްދު ދެއްވައިފިއެވެ.

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ދޫކޮށްލުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އާއި މުހައްމަދު ނަޝީދު ގޮވާލި ގޮވާލުމަށް ވެސް ޝައިނީ ވަނީ ރައްދު ދެއްވާފައެވެ.

ޝައިނީ ވިދާޅުވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ރައީސް މުޙައްމަދު ނަޝީދު އަދި ސިޔާސީ ބައެއް ފަރާތްތަކުން ދިވެހި ސަރުކާރަށް ގޮވައިލާ ގޮވައިލުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ހުޅުވާލުމުން އެފުރުސަތު ނަގާލުމަށްފަހު ގާނޫނު އަސާސީ އާއި އެއްގޮތަށް ސަރުކާރުން ކުރާ ކަންކަމަށް ފާޑު ވިދާޅުވަނީ އެބޭފުޅުންގެ ޒިއްމާދާރުކަން ކުޑަކަމުންނެވެ.

ވޯކިން ގްރޫޕުގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި، ދިވެހި ދައުލަތުން ވަނީ ނާޒިމަށް ލިބިދޭ އިންސާނީ ހައްގުތަކާއި ފަރުދީ އަދި ސިޔާސީ ހައްގުތައް ނިގުޅައިގެންފައެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީންނާއި ރާއްޖޭގައި ހެދިފައި ހުރި އެހެން ގާނޫނުތަކުން އޭނާ އަށް ލިއްބައިދޭ ހައްގުތައް ވެސް ދައުލަތުން ނިގުޅައިގެންފައިވާ ކަމަށް އދ.ގެ ވޯކިން ގްރޫޕުގެ ބަޔާނުގައި ވެއެވެ.

ނާޒިމް ދޫކޮށްލުމަށް ރާއްޖެއާއި ރާއްޖޭން ބޭރުން އަންނަނީ ގޮވާލަމުންނެވެ.