20 ޖެނުއަރީ 2017 ގައި އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެއްވި ރައީސް ޑޯނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވަނީ މޯދީއަށް އެމެރިކާއަށް ޒިޔާރަތް ކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ.
ވޮޝިންގްޓަން އިން ބުނެފައިވާ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާއަކީ ދުނިޔޭގެ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި އެމެރިކާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ.
އަދި ޓްރަމްޕް އާއި މޯދީ ވަނީ އިޤްޠިޞާދާއި ދިފާޢު ފަދަ ކަންތައްތަކުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
މޯދީ ވިދާޅުވި ގޮތުގައި އޭނާވެސް ވަނީ އިންޑިއާއަށް ޒިޔާރަތް ކުރެއްވުމަށް ޓްރަމްޕްއަށް ދަޢުވަތު އަރުވާފައެވެ.


ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި މޯދީއަށް މަރުޙަބާ ކިޔުމަށް އުންމީދު ކުރާ ކަމަށެވެ.
އެމެރިކާއިން ނެރުނު ބަޔާނުގައި ވާގޮތުން ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ ބައިނަލްއަޤްވާމީ ހަނގުރާމައިގައި ޓްރަމްޕް އާއި މޯދީ ކޮނޑާއި ކޮނޑު ޖައްސަވައިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
މޯދީ ވަނީ ނޮވެމްބަރު ބަހު ބޭއްވި އެމެރިކާގެ އިންތިޚާބުގައި ޓްރަމްޕްއަށް ލިބުނު ކާމިޔާބީއާއި ގުޅިގެން އޭނާ އަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބަށްޓަކައި ކުރި ކެމްޕޭންގައި ޓްރަމްޕް ވަނީ އެމެރިކާގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ރައްޔިތުންގެ ރުހުން ވަރަށް ބޮޑަށް ހޯއްދަވާފައެވެ.
އަދި މޯދީގެ ސަބަބުން އިންޑިއާއިން މިހާރު ދެކެމުން އަންނަ ތަރައްޤީއަށްޓަކައި ޓްރަމްޕް ވަނީ މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.