އިނގިރޭސި އެފްއޭ ކަޕުގައި ލިވަޕޫލް އަދި ވޫލްވަހެމްޕްޓަން ބައްދަލު ކުރި މެޗު 1-2 އިން ވޫލްވްސް ކާމިޔާބުކޮށް ލިވަޕޫލް އެފްއޭ ކަޕުން ކަޓުވާލައިފިއެވެ.
މިއީ ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވި ތިންވަނަ މެޗެވެ. ލީގުގައި ސްވެންސީ އަތުން ބަލިވުމަށްފަހު ލީގު ކަޕުގައި ސަދަމްޓަން އަތުން ސެމީގެ ދެވަނަ ލެގުވެސް ބަލިވެ އެމުބާރާތުންވެސް ކަޓާފައެވެ.
މުޅި މެޗުގައި އާދައިގެ ކުޅުމެއް ދެއްކި ލިވަޕޫލް ކޮޅަށް ވޫލްވްސް އިން ގޯލު ޖަހާފައިވަނީ މެޗުގެ ފުރަތަމަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ދެވަނަ ގޯލު ޖަހާފައިވަނީ ވެމެންއެވެ. ލިވަޕޫލްއަށް މެޗުގައި ޖެހުނު ހަމައެކަނި ގޯލު ޖެހިފައިވަނީ މެޗު ނިމެން ކައިރި ވެފައިވަނިކޮށް ޑިވޮކް އޮރީގީގެ ފަރާތުންނެވެ.
ހަފުތާއެއްގެ ތެރޭގައި ދެމުބާރާތުން ކަޓައި، ޓައިޓަލް ރޭސް އިންވެސް ބާކީވެ ލިވަޕޫލް ސަޕޯޓަރުން ވަނީ ރުޅިއައިސް ރަތްވެފައެވެ. ބައެއް ސަޕޯޓަރުން މެނޭޖަރު ކްލޮޕްގެ އިސްތިއުފާއަށް ގޮވަމުންދާއިރު އަނެއް ބަޔަކު ސޯޝަލް މީޑިޔާއާއި މުޅިންވެސް އެކަހެރިވެއްޖެއެވެ.